ކޮންމެ ދުވަހަކުވެސް ކަސްރަތު ކުރަން ފެށުމުގެ ކުރިން ބީޓްރޫޓް ޖޫސް ބޯ ނަމަ ސިކުނޑި ޒުވާން ވާނެ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

އާ ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ކަސްރަތު ކުރަން ފެށުމުގެ ކުރިން މި ޖޫސް ބުއިމުން ސިކުނޑިއަށް އެންމެ ބޮޑަށް ފައިދާކުރަނީ ޒުވާނުންނަށެވެ. ދުވަސްވީ މީހުން ވެސް މީގެ ޖޫސް ބުއިމުން ސިކުނޑީގެ މަސައްކަތަށް އާރޯކޮށް ލިބޭ ކަމަށްވެ އެވެ.

މި ދިރާސާ ކުރުމަށްޓަކައި އެމެރިކާގެ ވޭކް ފޮރެސްޓް ޔުނިވަސިޓީގެ ސައިންސްވެރިން ވަނީ، އަންހެނުންނާއި ފިރިހެނުން ވެސް ހިމެނޭ ގޮތަށް، އުމުރުން 55 އަހަރުން މަތީގެ 26 މީހަކު ބައިވެރިކޮށްފަ އެވެ. މި އެންމެންނަކީ ވެސް ކަސްރަތު ނުކުރާ މީހުންނެވެ. އަދި އެންމެންނަކީ ވެސް ލޭ މައްޗަށްދާތީ ދުވާލަކު އެއް ބޭސް ނުވަތަ ދެ ބޭސް ކާ މީހުންނެވެ.

ދިރާސާގެ ބައިވެރިން ބުއީ ބީޓް-އިޓް ސްޕޯޓް ޝޮޓް ކިޔާ ބީޓްރޫޓް ޖޫހުގެ ސަޕްލިމެންޓެކެވެ. ހަފުތާ އަކު ތިން ދުވަހު ހަ ހަފުތާ ވަންދެން މި ބުޔެވެ. މި ބޮއެފައި ވަނީ އާދައިގެ ކަސްރަތުތަކުގެ ތެރެއިން 50 މިނިޓް ވަންދެން ޓްރެޑްމިލްގައި ހިނގުމުގެ އެއްގަޑިއިރު ކުރިންނެވެ.ދިރާސާގެ ބައިވެރިންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަށް ބީޓް-އިޓްގެ 560 ގްރާމް ނައިޓްރޭޓް ހުރި ބުއިން ދީފައިވާއިރު އަނެއް ބައި މީހުންނަށް ދިނީ ނައިޓްރޭޓް ވަރަށް މަދުން ހުރި ޕްލެސީބޯ ނުވަތަ ބީޓް-އިޓް އާ އެއްގޮތަށް ހުރި ނަމަވެސް އޭގެ އަސްލު ނޫން ބުއިމެކެވެ.

ސައިންސްވެރިން ބުނަނީ ކަސްރަތުކުރާއިރު ގައިގެ މަސްތަކުން ފޮނުވާ މައުލޫމާތުތައް ޕްރޮސެސްކުރުމަށް ބޭނުންވާ ސިކުނޑީގެ ބައި ކަމަށްވާ ސޮމަޓޯމޯޓާ ކޯޓެކްސް އިން، ހަށިގަނޑުން މައުލޫމާތު އެއްކުރުމަށް ފަހު މައްސަލައެއް އުޅޭ ނަމަ ހައްލުކުރާ ކަމަށެވެ. އަދި ކަސްރަތުކުރުމަކީ ސޮމަޓޯމޯޓާ ކޯޓެކްސް ވަރުގަދަވާ ކަމެއްކަން ސައިންސްވެރިން ފާހަގަކުރި އެވެ.އެހެންކަމުން ބީޓްރޫޓް ޖޫހާއި ކަސްރަތު އެކުވުމުން ސިކުނޑިއަށް އޮކްސިޖަން ފޮނުވުން ވަރަށް ބޮޑަށް އިތުރުވެ އެވެ. އަދި ސޮމަޓޯމޯޓާ ކޯޓެކްސް ވަރުގަދަ ވާނެ ރަނގަޅު މާހައުލެއް އުފެދެ އެވެ.

ބީޓްރޫޓްގައި ޑައިޓަރީ ނައިޓްރޭޓް ވަރަށް މަތީ މިންވަރަކަށް ހުރެ އެވެ. މީތި ދެން ބަދަލުވަނީ ނައިޓްރައިޓް އަށެވެ. އަދި ހަށިގަނޑުގެ އެތެރެއަށް ދިއުމުން ނައިޓްރިކް އޮކްސައިޑަށެވެ.ސައިންސްވެރިން ބުނަނީ ނައިޓްރިކް އޮކްސައިޑަކީ ހަށިގަނޑުގެ ތެރޭގައި ލޭ ދައުރުވާ މިންވަރު އިތުރުކޮށްދޭ އެއްޗެއް ކަމަށެވެ. އަދި ވަރަށް ގިނަ ދިރާސާތަކުން ހާމަވެފައިވާ ގޮތުގައި އެކި އުމުރުތަކުގެ މީހުން ބީޓްރޫޓް ޖޫސް ބުއިމުން މާ ފުރިހަމައަށް ކަސްރަތު ކޮށްލެވެ އެވެ.

ވޭކް ފޮރެސްޓް ޔުނިވަސިޓީގެ ފަރާތުން ވާހަކަ ދެއްކެވި ޑަބްލިޔު ޖެކް ރެޖެސްކީ ވިދާޅުވީ ނައިޓްރިކް އޮކްސައިޑަކީ ވަރަށް ބާރުގަދަ މޮލެކިއުލް އެއް ކަމަށެވެ. ހަށިގަނޑުގައި އޮކްސިޖަން ބޭނުންވެފައިވާ ތަންތަނަށް އެއަށް ފަސޭހައިން ދަތުރު ކުރެވޭ ކަމަށާއި ސިކުނޑިއަކީ ހަށިގަނޑަށް އެންމެ ބޮޑަށް އޮކްސިޖަން ބޭނުންވާ ބައި ކަމަށް އޭނާ ވިދާޅުވި އެވެ.އޭނާ އިތުރަށް ވިދާޅުވީ ކަސްރަތު ކުރުމަކީ ސިކުނޑިއަށް ފައިދާ ކުރާ ކަމެއްކަން މީގެ ކުރިން ކޮށްފައިވާ ގިނަ ދިރާސަތަކަކުން ވެސް ހާމަވާ ކަމަށެވެ.

ނަމަވެސް މިފަހަރުގެ ދިރާސާގައި ބަލާފައި ވަނީ ލޭ މައްޗަށް ދިއުމުގެ މައްސަލަ ހުންނަ އުމުރުން ދުވަސްވީ މީހުން ކަމަށާއި މި މީހުން ހަމައެކަނި ކަސްރަތު ކުރުމުގެ ބަދަލުގައި ބީޓްރޫޓް ސަޕްލިމެންޓް ބޭނުންކޮށްގެން ކަސްރަތުކުރުމުން ސިކުނޑިއަށް އައިސްފައިވާ އެދެވޭ ރަނގަޅު ނަތީޖާ ފާހަގަކޮށްލެވޭ ކަމަށް ވިދާޅުވި އެވެ.