މަޑަގަސްކާގެ މިނިސްޓަރު ފެންވަރުގެ ބޭފުޅަކު ދަތުރު ކުރައްވަމުން ގެންދެވި ހެލިކޮޕްޓަރު އެ ގައުމުގެ އިރު އުތުރު އައްސޭރިއަށް ވެއްޓުމުން 12 ގަޑިއިރު ފަތާފައި އޭނާ އެއްގަމަށް އަރައިފި އެވެ.

ހޯމަ ދުވަހު ވެއްޓުނު އެ ހެލިކޮޕްޓަރުން ދަތުރުކުރި އިތުރު ދެމީހަކު ހޯދުމުގެ މަސައްކަތް އަދިވެސް ސަލާމަތީ ބާރުތަކުން ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މަޑަގަސްކާގެ ސެކެޓްރެރީ އޮފް ސްޓޭޓް ފޯ ޕޮލިސް ސާޖް ގެއްލޭގެ އިތުރުން އެހެން ފުލުހަކު ވަނީ ފަތާފައި ގޮސް އެގައުމުގެ މަހަމްބޯ އަވަށަށް އަރައިފަ އެވެ. 12 ގަޑިއިރު ފެތުމަށްފަހު އެދެމީހުންނަށް އެއްގަމަށް އެރުނީ އަންގާރަ ދުވަހުގެ ހެނދުނު އެވެ.

ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯތަކުގައި ސާޖް އޭނާގެ ކެމަފްލާޖް ޔުނީފޯމުގައި އަށިގަނޑެއްގެ މަތީގައި ވަރުބަލި ކަމާއެކު އޮށޯވެގެން އޮންނަ ތަން ފެނެ އެވެ.

ވެއްޓުނު ހެލިކޮޕްޓަރު ސާޖްއާއި އޭނާގެ ޓީމް ގޮވައިގެން ދަތުރު ކުރަމުން ދިޔައީ އެގައުމުގެ އިރުއުތުރު އައްސޭރީގައި ބޯޓެއް ބަންޑުން ޖަހާލި ތަނަށެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ސާޖް ވަނީ ފްލޯޓޭޝަން ޑިވައިސްއެއްގެ ގޮތުގައި ހެލިކޮޕްޓަރުގެ އެއް ފިޔަގަނޑު ބޭނުން ކޮށްފަ އެވެ.

"އޭނާއަކީ އަޒުމް ވަރުގަދަ މީހެއް،" ސާޖްއާ ބެހޭ ގޮތުން އިންޓަވިއު ދިން އޮފިޝަލަކު ބުންޏެވެ.

ސާޖް މަޑަގަސްކާގެ ސެކެޓްރެރީ އޮފް ސްޓޭޓް ފޯ ޕޮލިސްގެ މަގާމާ ހަވާލުވީ 30 އަހަރު ވަންދެން ފުލުހެއްގެ ގޮތުގައި ހިދުމަތް ކުރުމަށްފަހު މިދިޔަ އޮގަސްޓް މަހު އެވެ.