ދިގު 20 އަހަރަށްފަހު، މިސް ޔުނިވާސް 2021ގެ ލަގަބު އިންޑިޔާއަށް ހޯދައިދިން ޗަންދީގަރަށް ނިސްބަތްވާ ހަރްނާޒް ސަންދޫ ބޮލީވުޑްގެ ފިލްމެއް ކުޅޭނަމަ، ފިލްމުކުޅެން ބޭނުންވާ ފަންނާނުގެ ނަން ހާމަކޮށްފި އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން މިސް ޔުނިވާސްގެ މުބާރާތުގައި ބައިވެރިވި 80 އަށްވުރެ ގިނަ ބައިވެރިންނާ އެކި ދާއިރާތަކުން ވާދަކޮށް ހަރްނާޒް ވަނީ އިންޑިޔާގެ ގިނަ ބައެއްގެ ލޯތްބާއި މަގުބޫލުކަން ހޯދާފަ އެވެ.

ނަމަވެސް އާންމުންނަށް ހަރްނާޒްގެ ނޭނގޭ ހަގީގަތަކީ، މީގެ ކުރިން ވެސް ހަރްނާޒް އެކްޓިންގެ ކެރިއަރުގައި އުޅޭ ކަމެވެ. މިގޮތުން އިންޑިޔާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި، ފަސް އަހަރު ދުވަހު އެކްޓިންގެ ކެރިއަރުގައި މަސައްކަތްކޮށްފައިވާކަމަށް ހަރްނާޒް ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން ބޮލީވުޑްގައި އެކްޓުކުރުމަށް ފުރުސަތެއް ލިބިއްޖެނަމަ، ސަންޖޭ ލީލާ ބަންސާލީގެ ފިލްމެއްގައި އެކްޓްކުރުމަށް ވަރަށް އެދޭ ކަމަށް ހަރްނާޒް ބުނެ އެވެ.

ފިލްމުކުޅެން އެންމެ ބޭނުންވާ ފަންނާނަކީ ކޮބައިތޯ އެހުމުން ހަރްނާޒްގެ ޖަވާބަކީ، އޭނާ އެންމެ އެކްޓުކުރަން ބޭނުންވަނީ ޝާހްރުކް ޚާން އާ ކަމަށެވެ. އަދި ހުރިހާ ފަންނާނުންގެ ތެރެއިން ވެސް ޝާހު އެންމެ ކަމުދަނީ، އެކްޓުކުރުމަށް އޭނާގެ ގައިގައި ހުންނަ ކުޅަދާނަކަމުންނާއި، ޝާހު ކުރާ ބުރަ މަސައްކަތަށް ހަރްނާޒު ލޯބިކޮށް އިހުތިރާމުކުރާތީކަމަށް ހަރްނާޒް ވަނީ ބުނެފަ އެވެ.