އީރާނާއެކު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން، ކަނޑުމަތީގައި ގިނަ ދުވަސްތަކެއް ހޭދަކުރަން ޖެހިފައިވާ އެމެރިކާގެ މަނަވަރު ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ތިބި އެމެރިކާ ސިފައިންގެ ނަފްސާނީ ދުޅަހެޔޮކަން އިންތިހާއަށް ގޯސްވަމުންދާ ކަމުގެ ރިޕޯޓްތައް ލިބެމުންދަނިކޮށް، މިދިޔަ މަހު އެ މަނަވަރުގެ މީހަކު ކަނޑަށް ފުންމާލާފައިވާ ކަމަށް އެމެރިކާގެ އޮފިޝަލަކާ ހަވާލާދީ ސީއެންއެންއިން ބުނެފި އެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި އެމީހާ ވަނީ ވަގުތުން ސަލާމަތްކުރެވި، ސިއްހީ ފަރުވާ ދެވިފަ އެވެ. ނަމަވެސް، އޭނާ ކަނޑަށް ފުންމާލަން މެދުވެރިވި ސަބަބެއް ނުވަތަ އޭނާ އަލުން ހިދުމަތަށް ނުކުމެފައިވޭތޯ ނުވަތަ މަނަވަރުން ބާލާފައިވޭތޯ އަދި ސާފެއް ނުވެ އެވެ.

މި ހާދިސާއަކީ އެ މަނަވަރުގައި ތިބި ފަޅުވެރިންގެ ހާލަތާ މެދު އުފެދިފައިވާ ގިނަ ކަންބޮޑުވުންތަކަށް އިތުރުވި ބޮޅެކެވެ. ރެކޯޑް މިންވަރަކަށް މަނަވަރު ކަނޑުމަތީގައި އޮންނަން ޖެހުމުން، އެތަނުގެ ދިރިއުޅުމުގެ ހާލަތު ގޯސްވެ، ފަޅުވެރިންގެ ނަފްސާނީ ދުޅަހެޔޮކަން ގެއްލެމުންދާތީ، ފަޅުވެރިންގެ އާއިލާތަކުން ފާޅުކުރި ކަންބޮޑުވުންތަކާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ބައެއް މެންބަރުން ދަނީ ކަމާބެހޭ ފަރާތްތަކުން ޖަވާބުދާރީވުމަށް ގޮވާލަމުންނެވެ.

މިދިޔަ ނޮވެމްބަރު މަހު ސެން ޑިއޭގޯއިން ފުރި މި މަނަވަރު، އީރާނު ހަނގުރާމައާ ގުޅިގެން މެދުއިރުމައްޗަށް ބަދަލުކުރުމާ ގުޅިގެން، މިހާރު ވަނީ 250 އަށް ވުރެ ގިނަ ދުވަސް ކަނޑުމަތީގައި ހޭދަކޮށްފަ އެވެ. ސެނެޓަރު ރިޗަޑް ބްލޫމެންތަލް ފާހަގަކުރެއްވި ގޮތުގައި، 5،000 އަށް ވުރެ ގިނަ ސިފައިންނާއެކު އޮތް މި މަނަވަރު ބަނދަރުނުކޮށް 200 އަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، މިއީ މި ޒަމާނުގެ ތާރީހުގައި މަނަވަރެއް މެދުނުކެނޑި ކަނޑުމަތީގައި އޮތް ރެކޯޑް މިންވަރެކެވެ.

"ސްޓާސް އެންޑް ސްޓްރައިޕްސް" އަދި "ނޭވީ ޓައިމްސް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ފަޅުވެރިންނާއި އާއިލާތަކާ ހަވާލާދީ ބުނެފައިވަނީ، ގިނަ ދުވަސްތަކެއް ވަންދެން ކަނޑުމަތީގައި އުޅެންޖެހުމުގެ ސަބަބުން ބައެއް ފަޅުވެރިން އަމިއްލައަށް މަނަވަރުން ކަނޑަށް ފުންމާލަން އެތައް ފަހަރަކު މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ސެނެޓަރު ބްލޫމެންތަލް ވަނީ ޑިފެންސް ސެކްރެޓަރީ އާއި ނޭވީގެ އިސްވެރިންނަށް ސިޓީއެއް ފޮނުއްވައި، މަނަވަރުގައި އަސާސީ ތަކެތި މަދުވުމާއި، ފެން ތަޣައްޔަރުވުމާއި، ފާހާނާ ފަދަ ނިޒާމުތައް ހަލާކުވުމާއި، ސިޓީއާއި ޕާރުސަލް ލިބުމުގައި ހުރި ދަތިތަކުގެ ސަބަބުން ފަޅުވެރިންގެ ނަފްސާނީ ހާލަތު ގޯސްވަމުންދާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

އާއިލާތަކުން ބޭއްވި ބައްދަލުވުމެއްގައި ބައެއް މީހުން ކަރުނައާއެކު ބުނެފައިވަނީ، މަނަވަރުގައި ތިބި އެމީހުންގެ ފިރިން ދުނިޔޭގައި ހުންނަން ބޭނުންނުވާ ކަމަށް ބުނެ މެސެޖު ކުރަމުންދާ ކަމަށެވެ. އަދި ބައެއް ފަހަރު ކާން ލިބެނީ ބައި ޖޯޑު ބަތާއި ދެ ރޮށި ކަމަށް ވެސް މެންބަރު މައިކް ލެވިން ފާހަގަކުރެއްވި އެވެ.

މިކަމާ ގުޅިގެން އެމެރިކާގެ ނޭވީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަމިއްލައަށް މަރުވުމުގެ ވިސްނުން ގެންގުޅޭ މިންވަރު އިތުރުވެފައިވާކަން ފާހަގަކުރެވިފައި ނުވާ ކަމަށާއި، ފަޅުވެރިންގެ ދުޅަހެޔޮކަމަށްޓަކައި ދީނީ އަދި ސިއްހީ މާހިރުންގެ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.