ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށާއި ހަމުގެ ދުޅަހެޔޮ ކަމަށް ވިޓަމިންސީ އަކީ ވަރަށް މުހިއްމު މާއްދާ އެކެވެ. ހަމަ އެއާއެކު ހަށިގަނޑުގައި އުފެދޭ ފާރުތައް ރަނގަޅު ކުރުމަށާއި ކަށިތަކުގެ ދުޅަހެޔޮ ކަމަށް ވެސް ވިޓަމިން ސީ މުހިއްމެވެ.

ވިޓަމިންސީ އަކީ ގާތްގަނޑަކަށް ހުރިހާ ބާވަތެއްގެ މޭވާ އާއި ތަރުކާރީ އެއްގަައި ވެސް އެކުލެވޭ މާއްދާ އެކެވެ. އެގޮތުން އެ މާއްދާ އެކުލެވޭ މޭވާ އާއި ތަރުކާރީތަކުގެ ތެރޭގައި ލުނބޯ، އަލަނާސި، ކިވީ، ފޭރު، ފަޅޯ، އަނބު، ބެރީސް، ކޮލިފްލާވާ، ބޮޑު މިރުސް، ކެބެޖު އަދި އަލުވި ހިމެނެ އެވެ.

ވިޓަމިން ސީ ލިއްބައިދޭ ބާވަތްތައް ކެއުމުގައި ބޭނުން ނުކުރާ ނަމަ، ހަށިގަނޑުން އެ މާއްދާ މަދުވެ ގިނަ މައްސަލަތަކަކާ ކުރިމަތިލާން ޖެހެ އެވެ. އެގޮތުން ހަށިގަނޑުން ވިޓަމިންސީ މަދުވުމުން ދިމާވެދާނެ މައްސަލަތަކަށް ބަލާލާނަމެވެ.

ބަރުދަން ލުއިވުން

ވިޓަމިންސީ އެކުލެވޭ ކާނާ ބޭނުން ނުކުރާނަމަ ބަރުދަން ލުއި ވުން އެކަށީގެންވެ އެވެ. ނަތީޖާއަކަށް ވަނީ ހަށިގަނޑަށް ބޭނުންވާ މާއްދާތައް ނުލިބި ބޭނުންވާ މިނަށްވުރެ ބޮޑަށް ބަރުދަން ލުއިވުމެވެ.

ދިފާއީ ނިޒާމު ބަލިކަށިވުން

ކުރިންވެސް ފާހަގަ ކުރި ފަދައިން، ވިޓަމިންސީ އަކީ ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ މާއްދާ އެކެވެ. އެހެންނަމަވެސް ހަށިގަނޑުން ވިޓަމިން ސީ މަދުވެއްޖެ ނަމަ ދިފާއީ ނިޒާމު ބަލިކަށިވެ ފަސޭހަ ކަމާއެކު ބަލިތަކުގެ ޝިކާރައަކަށް ވެދެ އެވެ.

ދަތްތަކާއި ހިރުގަނޑު ހަލާކުވުން

ދަތްތަކާއި ހިރުގަނޑުގެ ދުޅަހެޔޮ ކަމަށް ވެސް ވިޓަމިންސީ އަކީ ވަރަށް މުހިއްމު މާއްދާ އެކެވެ. އެ މާއްދާ ލިބެން ވާވަރަށް ނުލިބޭ ނަމަ ސްކާވީ ކިޔާ ބައްޔެއް ޖެހުމަށް މެދުވެރިވެ އެވެ. ސްކާވީ ޖެހުމުން ހިރުގަނޑު ހަލާކުވުމާއި ހިރުގަނޑުން ލޭ އައުން ފަދަ ކަންތައްތައް ދިމާވެ އެވެ.

އެހެންކަމުން ދުޅަ ހެޔޮ ސިއްހަތެއްގައި ދެމި ހުރުމަށް ވިޓަމިންސީ އެކުލެވޭ ކާނާ އާއި ބުއިންތައް ވީހާ ވެސް ގިނައިން ބޭނުން ކުރުން މުހިއްމެވެ.