ކައުންސިލްތަކުގެ އިހުތިސާސްގައިވާ ބިންތައް ދައުލަތަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ އީ-ޕެޓިޝަން ޕޯޓަލް މެދުވެރިކޮށް ހުށަހެޅި ޕެޓިޝަނުގައި ސޮއިކުރި މީހުންގެ އަދަދު 2,100 އަށްވުރެ މައްޗަށް އަރައި، އެ ޕެޓިޝަން މަޖިލީހުގެ ކޮމިޓީއަށް ފޮނުވަން ލާޒިމުވާ ތްރެޝްހޯލްޑް ހަމަވެއްޖެ އެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ވޯޓުލެވޭ އާބާދީގެ 0.5 ޕަސެންޓް ނުވަތަ 2,100 ސޮއި ހަމަވުމުން، އެ ޕެޓިޝަނެއް ދިރާސާކުރުމަށް މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަށް ފޮނުވުން ލާޒިމުވެ އެވެ.
މި ޕެޓިޝަނަކީ ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހަޅުއްވާފައިވާ އިސްލާހު އަނބުރާ ގެންދިއުމަށް ގޮވާލައި ހުށަހަޅާފައިވާ ޕެޓިޝަނެކެވެ. މެންބަރު ހަންނާން ހުށަހެޅުއްވި އިސްލާހުގައި ވަނީ ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތަކާއި ފަޅުތައް ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަށް ވަޒީރުންގެ މަޖިލީހުގެ ނިންމުމަކުން ނެގޭގޮތް ހެދުމަށް ހުށަހަޅުއްވާފަ އެވެ.
މިދުއަމް ސައުދު ހުށަހެޅުއްވި މި ޕެޓިޝަނުގައި ބުނެފައިވަނީ، މި އިސްލާހުގެ ސަބަބުން ސީދާ ރައްޔިތުންގެ ވޯޓުން އިންތިހާބުކޮށްފައިވާ ކައުންސިލަރުންގެ ބާރު ކެނޑި، އެ ބާރުތައް ވަޒީރުންގެ މަޖިލީހަށް ލިބިގެންދާނެ ކަމަށެވެ. އަދި ސަރުކާރުގެ ނިންމުންތަކަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ ކައުންސިލަރުންނަށް ފިޔަވަޅު އެޅުމުގެ ފުރުސަތު މި ބިލުގެ ދަށުން ފަހިވާތީ، މިއީ ލާމަރުކަޒީ ނިޒާމުގެ ރޫހާ މުޅިން ހިލާފު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ.
ތުޅާދޫ ދާއިރާގެ މެންބަރު ހަންނާން އެ ބިލް ހުށަހެޅުއްވީ ޕީއެންސީން އެދިގެންނެވެ.
މި ބިލު ހުށަހެޅުއްވި މެންބަރު ހަންނާން ވިދާޅުވެފައިވަނީ، މި އިސްލާހުގެ މައިގަނޑު ބޭނުމަކީ ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމަށްޓަކައި ކައުންސިލްތަކުގެ އެއްބާރުލުން ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަށަވަރުކުރުން ކަމަށެވެ. ނަމަވެސް، އިދިކޮޅު އެމްޑީޕީގެ މެންބަރުންނާއި ބައެއް ރަށްރަށުގެ ކައުންސިލްތަކުން އަންނަނީ މި އިސްލާހާ ދެކޮޅަށް ނުރުހުން ފާޅުކޮށް ގަރާރުތައް ފާސްކުރަމުންނެވެ.
އީރާނުގެ ކަނޑު ބަންދުކޮށް އިގްތިސާދީ ފިއްތުން އިތުރު ކުރަނީ
"އެމްޑީޕީއަށްވުރެ މުއިއްޒު ރަނގަޅޭ ވިދާޅުވީ ސަނާ ކިޔާކަށް ނޫން"
ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ އިނާމު ދީފި
