ބޮލީވުޑް ސަޕޯޓަރުންގެ މަގުބޫލުކަން ހޯދި ގިނަ ފިލްމުތަކެއް އުފެއްދި ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންގެ ތެރޭގައި ކަރަން ޖޯހަރް ވެސް ހިމެނެ އެވެ. އަދި ކޮންމެ ފަންނާނަކާ ގުޅޭގޮތުން ގޮސިޕްތައް ހަދައި ތަރިންގެ މެދުގައި ދައުރުކުރުމުގައި ވެސް އޭނާ މަޝްހޫރުވެފައިވެ އެވެ.

މިގޮތުން މިފަދައިން "ކޮފީ ވިތް ކަރަން"ގެ ޝޯ ވަނީ އެންމެންގެ ތެރޭގައި ވެސް މަގުބޫލުވެފަ އެވެ. އަދި ކަރަންގެ ޕޮޒިޓިވް ކޮމެންޓްސް ލިބުމަށް ބޮލީވުޑްގެ ކޮންމެ ތަރިއަކު ވެސް ގަދައަޅާ މަސައްކަތް ކުރެ އެވެ.

ނަމަވެސް އަލަށް ބޮލީވުޑަށް އައި ފަންނާނުންނާމެދުގައި ކަރަން ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފަ އެވެ.

އިންޑިޔާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ކަރަން ބުނީ މިހާރަކަށް އައިސް އަލަށް ބޮލީވުޑްގައި މަސައްކަތް ކުރާ ތަރިން ބޭނުންވަނީ ވީ އެންމެ ބޮޑުކޮށް އަގު ނަގަން ކަމަށެވެ.

އެގޮތުން 20-30 ކްރޯރު ރުޕީސް އާ ދެމެދުގެ އަގުތަކަށް އަލަށް ނިކުތް ތަރިން ފިލްމު ކުޅެދޭނެ ކަމަށް ބުނެ އަގުކިޔާއިރު، އެ މީހުންގެ އެކްޓިން ބަލާލަން ނުކެރޭ ކަމަށް ބުނެ ކަރަން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.

އޭގެ އިތުރުން ކަރަން ވަނީ ފިލްމުކުޅޭ ބަތަލުންނާއި ބަތަލާއިންނަށް ވުރެ ބޮޑަށް ފިލްމުގައި މަސައްކަތް ކުރާ އެހެން މީހުންނަށް އެއަގު ދިނުން މާ ހައްގުކަަމަށް ބުނެފަ އެވެ. އޭގެ ތެރެއިން ވެސް ހާއްސަކޮށް ފިލްމު ހެދުމަށް ހަރަކާތްތެރިވާ ޓެކްނިކަލް ކްރޫންނަށް އެއަގު ދިނުން މާ ބުއްދިވެރިކަމަށް ކަރަން ވަނީ ބުނެފަ އެވެ.

ފިލްމުގެ ރީތިކަމާއި، އެޑިޓިންގެ ހުރިހާ ކަމެއް ބެލުންތެރިންނަށް އެންމެ ކަމުދާނެހެން ގެނެސްދެނީ އެމީހުންގެ މިންނެތް މަސައްކަތުން ކަމަށް ކަރަން ވަނީ ބުނެފަ އެވެ.

އިންޑިޔާގައި ކޮވިޑް-19 ގިނަ ވުމާއި ގުޅިގެން ފިލްމީ ދުނިޔެއަށްވެސް އޭގެ އަސަރުތައް ވަނީ ކޮށްފަ އެވެ. އެގޮތުން ގިނަ ދުވަސްތަކެއް ވަންދެން ފިލްމުތައް ނުނެރި އޮތުމަށް ފަހު ނެރުނު ފިލްމުތަކުގެ ތެރެއިން ހިޓްވެފައިވަނީ "ސޫރްޔަވަންޝީ" އެވެ.