މާދަމާއަކީ 2022 ވަނަ އަހަރުގެ ފުރަތަމަ ދުވަހަށްވީއިރު އާ އަހަރު ފާހަގަ ކުރުމަށްޓަކައި ގިނަ ބަޔަކު މިހާރު ވެސް ވަނީ އެކި ތަންތަނަށް ފުރަފުރައިގެން ގޮސްފަ އެވެ. ރާއްޖެ ތެރޭގެ ރަށްތަކާއި ބޭރު ގައުމުތަކަށެވެ. ރިޒޯޓުތަކާއި މާލެ ކައިރި އެކި ރަށްތަކަށެވެ. ނަމަވެސް ނަސީބު ކަންދިމާ ކުރި ގޮތުން އާ އަހަރަށް ތަނަކަށް ދާން ޗުއްޓީ ނުލިބޭ ބަޔަކު ވެސް އުޅޭނެ އެވެ.

މި ލިޔުމުގައި މި ބަލާލަނީ އެފަދަ މީހުން މި ފެށޭ އާ އަހަރު ފާހަގަ ކުރުމަށްޓަކައި ގޭގައި ތިބެގެން ވެސް ކުރެވިދާނެ ބައެއް ކަންކަމަށެވެ.

އާ އަހަރުގެ އަޒުމް ކަނޑައެޅުން

މި ފެށޭ އަހަރު ތިބާގެ ދިރިއުޅުމަށް ގެންނަން ބޭނުންވާ ބަދަލުތަކަކީ ކޮބާތޯ ވިސްނާ އެކަންކަކް ބަދަލު ކުރުމުގެ އަޒުމް ހިތުގައި ކަނޑައަޅާށެވެ. "ރިޒޮލިއުޝަންސް"ގެ ގޮތުގައި ބޭނުންވާ ކަންކަން ރާވާލައި އެކަންކަމާއެކު ތިބާގެ ދިރިއުޅުން ބައްޓަން ކުރާނެ ގޮތަކާމެދު ވިސްނާށެވެ.

އާއިލާއާއެކު ވަގުތު ހޭދަކުރުން

އަހަރު ތަރޭގައި އާއިލާއާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ލިބޭ ފުރުސަތުތައް ވަރަށް މަދުވާނެ އެވެ. އެހެން ކަމުން އާ އަހަރުގެ މުނާސަބަތަކީ ދުރުގައި ތިބި އާއިލާއާ ގުޅާލާއި އެކަކު އަނެކަކުގެ ވާހަކަތައް ހިއްސާކޮށް އުފާވެރި ވަގުތުކޮޅެއް ހޭދަކުރަން ލިބޭ ފުރުސަތެއް ކަމުގައި ހަދާށެވެ.

ޑައިރީ/ ޖާނަލްއެއް ލިޔަން ފެށުން

ޑައިރީ ޖާނަލްއަކީ އަހަރު ތެރޭގައި ތިބާ ކުރާ ތަޖުރިބާތައް ފޮޓޯއާއި ލިޔުމުގެ ގޮތުގައި ރައްކާކޮށް ބެހެއްޓޭނެ ފޮތެކެވެ. 2022 ވަނަ އަހަރަކީ ފާހަގަ ކުރެވޭ އަހަރަކަށް ހެދުމަށްޓަކައި މިފަދަ ފޮތެއް ތައްޔާރުކޮށް އެފޮތުގައި އާ އަހަރަށް ކަނޑައެޅި އަޒުމްތަކާއި ލަނޑުދަނޑިތައް ލިޔާށެވެ. އަދި އަހަރު ތެރޭގައި މި ފޮތް ފުރިހަމަ ކުރަމުން ގެންދާށެވެ.