ކުރީގެ ސަރުކާރުން ހިއްކާފައިވާ ހުޅުމާލެ ދެވަނަ ފިޔަވަހިން ހަމައެކަނި މާލޭގެ ރައްޔިތުންނަށް ބިން ވިއްކުމަށް ނިންމައިފި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހިން ވިއްކުމަށް ހަމަޖެހިފައިވާ ބިން ތަކަށް ކުރިމަތިލެވޭނީ ހަމައެކަނި މާލޭގެ ރައްވެހިންނަށް ކަމަށެވެ. މީގެ އިތުރުން މާލޭ ސަރަހައްދުން ދިރިއުޅުމުގެ ބޭނުމަށް 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް/ ގޯއްޗެއް ރަޖިސްޓްރީކޮށްފައިވާ މީހަކަށް ނުވުން ބިން ގަތުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.

މީގެ އިތުރުން އެޗްޑީސީ މެދުވެރިކޮށް ހުޅުމާލެއިން ބީލަމުގެ އުސޫލުން ބިމެއް ގަނެފައިވާ ފަރާތަކަށް ނުވުން ވެސް ހިމެނެ އެވެ.

އަންނަ މަހުގެ ނުވަ ވަނަ ދުވަހު ދެވަނަ ފިޔަވަހީގެ އަތިރިމަތީގެ ކުރިމަތިން ބިން ގަންނަ މީހުންގެ ބީލަން ފޯމު ހުށަހެޅުން ފުރުސަތު ލިބިގެންދާއިރު އަތިރިމައްޗާ ކައިރިން ބިން ގަންނަން ބޭނުންވާ މީހުންގެ ފޯމު ބަލައިގަންނާނީ ފެބްރުއަރީ 16 ގަ އެވެ. ފޯމު ބަލައިގަންނާނީ އެ އިން ކޮންމެ ތާރީހެއްގެ ވެސް ހެނދުނު 9 އިން މެންދުރު 12 އަށެވެ.

އެޗްޑީސީން ފަހުން އާންމުކުރި އިއުލާން- ބީލަށް ހުށަހެޅުމަށް ނަމްބަރު ދޫކުރާއިރު ބީލަން ފޯމު ހުށަހަޅަން ޖެހޭ ތަނުގެ މައުލޫމާތު ފަހުން އެޗްޑީސީން އާންމުކުރާނެ އެވެ. ބީލަން ހުށަހަޅާއިރު ބިޑް ސެކިއުރިޓީގެ ގޮތުގައި 320،000ރ. ހުށަހަޅަން ޖެހެ އެވެ. އެޗްޑީސީން ބުނީ ބީލަން ފޯމު ހުށަހަޅަން ހާޒިރުވާ މީހުންގެ ކުރިމަތީގައި ބީލަން ހުޅުވުމަށް ފަހު، އަކަފޫޓަކަށް ބީލަން ފޯމުގައި ހުށަހަޅާފައިވާ އަގު އިއުލާން ކުރާނެ ކަމަށެވެ. ބިން ވިއްކުމާ ގުޅޭ އިތުރު މައުލޫމާތު އެޗްޑީސީގެ ސޭލްސް ޑިޕާޓްމަންޓަށް ގުޅައިގެން ވެސް ސާފުކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މީގެ ކުރިން މިދިޔަ މަހުގެ 27 ވަނަ ދުވަހު ހުޅުމާލޭ ދެވަނަ ފިޔަވަހިން ބިން ގަތުމުގެ ފުރުސަތު ކޮންމެ ރަށެއްގެ މީހަކަށް ވެސް ބިން ގަތުމުގެ ފުރުސަތު އޮތެވެ.

މީގެ ކުރިން ބީލަމުގެ އުސޫލުން ބިން ވިއްކީ ހުރިހާ ދިވެހިންނަށް ވެސް ބައިވެރިވެވޭ ގޮތަށެވެ.

ހަމައެކަނި މާލޭ މީހުންނަށް ބިން ވިއްކާ ގޮތަށް ނިންމި ސަބަބެއް އެޗްޑީސީއަކުން ހާމައެއް ނުކުރެ އެވެ.

ކުރީ ސަރުކާރުގައި ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން 240 ހެކްޓަރުގެ ބިން ވަނީ ހިއްކައިފަ އެވެ.