ރާއްޖޭގެ ނަން މަޝްހޫރު ވަރަށް ގިނަ ރިސޯޓުތަކުގެ އެފްއެންބީ ދާއިރާގައި އޭނާ އެތައް އަހަރެއް ވަންދެން ވަޒީފާ އަދާކުރި އެވެ. ދުނިޔޭގެ މަޝްހޫރު އެތައް ސެލެބްރިޓީންނާއި މިލިއަނަރުންނަށް ވެސް އޭނާގެ ދެ އަތުން ވަނީ ކާންދީފަ އެވެ.
ފުވައްމުލަކަށް އުފަން ހަސަން އަތީގު (ބާބާ) 36، އަށް ކެއިންބުއިމުގެ ހިދުމަތަކީ އާ ކަމެއް ނޫނެވެ. އެ ދާއިރާގެ މޮޅު ހުނަރު ހުރިކަން އޭނާ ވަނީ އެތައް ބަޔަކަށް ސާބިތުކޮށްދީފަ އެވެ. އެހެންކަމުން ގްރިލްޑް ކުކުޅު ފަޔާއި ކުކުޅު ކުރަނޑި، ގްރިލްޑް ސޮސެޖް، ކޮއްތު ރޮށި ފަދަ ތަކެތި މީރުކޮށް ތައްޔާރުކޮށްލުމަކީ އަތީގުއަށް މާއުނދަގޫ ކަމެއް ނޫނެވެ.
އަތީގު ވަޒީފާ އަދާކުރަމުންދިޔަ ރާއްޖޭގެ އެންމެ ލަގްޒަރީ އެއް ރިސޯޓު، ސެއިންޓްރެޖިސް ވޮށްމުލި ރިސޯޓު ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރު ކުރީކޮޅު ބަންދުކުރުމުން ވަރަށް ބޮޑު ހާސްކަމާ ކުރިމަތިވި އެވެ. ރިސޯޓުން ލިބުނު އާމްދަނީ އެއްކޮށް ހުއްޓި އަތްމަތި ދަތިވާން ފެށުމުން އޭނާގެ ހިޔާލަށް އައީ ގާޑިޔަލެއްގައި ކޮފީ އާއި ސައި، ކުރުނބާ އަދި ތަފާތު ކާތަކެތި ތައްޔާރުކޮށް ވިއްކާށެވެ. މިއީ އޭނާގެ ގާޑިޔާ ވިޔަފާރީގެ ފެށުމެވެ؛
"ގާޑިޔާގައި ކާބޯތަކެތި ވިއްކުމުގެ ހިޔާލު އައީ މި ޕެންޑަމިކްގެ ތެރޭގައި ރިސޯޓުން ލިބުނު އާމްދަނީ ހުއްޓި އަނގަޔާއި އަތާ ދިމާނުވެގެން. ރިސޯޓުން މުސަރަ އާއި އެލަވަންސްތައް ކަނޑާލުމުން ނިންމީ ގާޑިޔާއެއް ހޯދައިގެން މިކަން ކުރަން. ދެން އެ ހިސާބުން ފަސް ޕެކެޓް ސޮސެޖް އާއި ކުރަނޑިޕެކެޓް ގަނެގެން މިކަން ފެށީ،" ގާޑިޔާ ވިޔަފާރިއަށް ވަންނަން ޖެހުނު ސަބަބު ކިޔައިދެމުން އަތީގު ބުންޏެވެ.
ޕެންޑަމިކް ތެރޭގައި 2020 އަހަރު ވަނަ އަހަރުގެ ކުރީކޮޅު މުޅި ރާއްޖެ ހުއްޓިފައި އޮތްވައި އަތީގު ފުރަތަމަ "ބާބާ ގާޑިޔާ"ގެ ނަމުގައި އެ ވިޔަފާރި ފެށީ ގާޑިޔަލެއް ގޭދޮރުމަތީގައި ބާއްވައިގެން ވަރަށް އާދައިގެ ގޮތަކަށެވެ.
ރައްޓެއްސަކާއެކު ފެށި ވިޔަފާރި ކާމިޔާބުވާން ފެށީ އެކުވެރިންނާއި އާއިލާގެ މީހުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަމާއެކު އެވެ.
"މިކަން ފެށީ ވަރަށް ވަރުގަދަ އަޒުމެއް އޮވެގެން. ކުރި ބުރަ މަސައްކަތުން މިއަދު މިހާ ހިސާބަށް މިއާދެވުނީ،" އޭނާ ބުންޏެވެ.
ގާޑިޔާ ވިޔަފާރި މަޑުމަޑު ކުރިޔަށްދާން ފެށުމުން އަތީގުއަށް ބޮޑު ހިތްވަރެއް ލިބެން ފެށި އެވެ. އެއާއެކު އެއިން ލިބޭ އައިޓަމްތައް ވެސް މަޑުމަޑުން އިތުރުވެ، ވިޔަފާރި ފުޅާކުރުމުގެ ވިސްނުން އަންނަން ފެށި އެވެ.
"ވަކި ހިސާބަކަށް ކުރިޔަށްދާން ފެށުމުން ނިންމީ އެންމެން ކުރާ މިކަން ކުރާ ގޮތް ދޫކޮށްލައި ތަފާތު ގޮތަކަށް މިކަން ކުރަން. އެހެންވެ މިދިޔަ އަހަރުގެ ތެރޭގައި ރިސޯޓު ވަޒީފާ ދޫކޮށްލާފައި ރަށަށް ބަދަލުވެ، މިކަން ކުރަން ނިންމީ،" އޭނާ ބުންޏެވެ.
ރިސޯޓު ވަޒީފާ ދޫކޮށްލުމަށްފަހު އާއިލާއެކު ރަށުގައި ހުރެގެން ގާޑިޔާގެ ވިޔަފާރި ފުޅާކުރަން ނިންމައި، ޒަމާނީ ބަދިގޭގެ ވަސީލަތްތައް ހިމެނޭ ފުޑް ޓްރަކެއް ފުރަތަމަ ފަހަރަށް ރާއްޖެ ގެންނަން އޭނާ އޯޑަރު ދިނެވެ.
"ރިސޯޓު ދޫކޮށްލާފައި ރަށަށް އައީ ފުޑް ޓްރަކަށް ޕޭމަންޓް ދައްކާފައި. ފުޑް ޓްރަކް މިދިޔަ ޑިސެމްބަރު މަހު ރާއްޖެ ގެނެސް ރޭ މިވަނީ ރަސްމީކޮށް 'ބާބާ ގާޑިޔާ' ލޯންޗްކޮށްފައި،" އޭނާ ބުންޏެވެ.
"ބާބާ ގާޑިޔާ" ނަމުން ނަންދީފައި އޮތަސް އެއީ އާދައިގެ ގާޑިޔަލެއް ނޫނެވެ. އެއީ ކުރިއަރާފައިވާ ވަރަށް ގިނަ ގައުމުތަކުގައި ޕާކުތަކާއި އާއްމުންގެ ގިނަ ބަޔަކު ޖަމާވާ އައުޓްޑޯ އިވެންޓްތަކުގައި ބޭނުންކުރާ ވައްތަރުގެ ފުޑް ޓްރަކެކެވެ. 14 ފޫޓު ދިގު، ހަތް ފޫޓު އުސް އަދި ހަ ފޫޓު ފުޅާ މި ޓްރަކަކީ ބެޓެރިން ދުއްވާ މޮބައިލް ބަދިގެއެކެވެ.
މޮބައިލް ގާޑިލެއްގެ ގޮތުގައި މިރަށުގައި ރަޖިސްޓްރީކޮށްފައިވާ ހަމައެކަނި އުޅަނދުގައި ކޮއްތު ރޮށި ފަދަ ތަކެތި ތައްޔާރުކުރެވޭ ތެޕަންޔާކީ ގްރިލްއަކާއި ހައި ޕްރެޝަރު އުދުނެއް އަދި އަވަނާއި ފްރަޔާ ހުރެ އެވެ. މީގެ އިތުރުން ތެލި، ތަށި ފަދަ ތަކެތި ދޮވެވޭ ގޮތަށް ސިންކު ވެސް ހަރުކޮށްފައިވެ އެވެ.
"މިއީ ގާޑިޔަލެކޭ ކިޔަސް މިއީ ދުއްވާ ކުޑަ ބަދިގެ އެއް. މިއީ ވަސީލަތްތައް ހިމެނޭ މަސައްކަތްކުރަން ފަސޭހަ އުޅަނދެއް،" އަތީގު ބުންޏެވެ.
"ބާބާ ގާޑިޔާ" ރަސްމީކޮށް ލޯންޗްކުރުމުގެ ގޮތުން އޭނާގެ ގޭގެ ކުރިމަތި (ފިޔަރެސް) ގައި ރޭ ވަނީ ހާއްސަ އިވެންޓެއް ބާއްވައިފަ އެވެ.
މި އެ ގާޑިޔާ ލޯންޗްކުރުމަށްފަހު ވާހަކަދައްކަވަމުން ފުވައްމުލަކު މޭޔަރު އިސްމާއިލް ރަފީގު ވެސް ވަނީ އަތީގުގެ މަސައްކަތަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި ހިތްވައި ދެއްވައިފަ އެވެ. އަދި އަތީގުގެ މަސައްކަތް ނަމޫނާއަކަށް ބަލައިގެން ޒުވާނުން މިފަދަ ތަފާތު ވިޔަފާރިތައް ފުވައްމުލަކުގައި ތައާރަފުކުރުމަށް މޭޔަރު ގޮވާލެއްވި އެވެ.
ތިއީ ވަރަށް ރަގަޅު ބަދަލެއް. ނަމަވެސް އެއޭރުން "ގާޑިޔަލަކަށް" ނުވާނެއެވެ. ހަމަ މޯބައިލް ކެފޭއެކެވެ.
އަޒުމެއް އޮވެގެން މަސައްކަތް ކޮށްފިނަމަ ކާމިޔާބު ވާނެކަން ދައްކައި ތިދިނީ. އަބަދުވެސް ކާމިޔާބަށް އެދެން.
ތީ މާލެ ގާޑިޔާތަކުގައިކުރަން އުޅެގެން ހުއްދަ ނުލިބިފަ ހުރި ކަމެއްް އެހެންވެގާޑިޔާ ނުނެގީ މާކުރިން ވެސް އެހެން ނޫންނަމާ ތިކަން ފަށާފަ އޮތީހީ
ބާބާ ވަރޮ މީހެއް ނެތް.