ލުބުނާނުގައި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމާ ގުޅިގެން، ހޯރްމޫޒް ކަނޑުއޮޅި ވިޔަފާރި އުޅަނދުފަހަރަށް މިހާރު އެއްކޮށް ހުޅުވާލާފައިވާ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ އިއުލާނު ކުރައްވައިފި އެވެ.
އަރާގްޗީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީރާނުގެ ކަނޑުގެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރު ދަތުރުކުރަންވާނީ އެ ގައުމުގެ މެރިޓައިމް އޮތޯރިޓީން ކަނޑައަޅާފައިވާ ވަކި ހާއްސަ މަގަކުން ކަމަށެވެ.
އިޒްރޭލާއި ލުބުނާނާ ދެމެދު ދިހަ ދުވަހުގެ މުއްދަތަކަށް ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވި، އެ އެއްބަސްވުމަށް އަމަލުކުރަން ފަށާފައިވަނީ ބުރާސްފަތި ދުވަހުގެ ހަވީރު 5 ޖެހިއިރު އެވެ. އީރާނާ ގާތްގުޅުމެއް ބާއްވާ ހިޒްބުالله ޖަމާއަތާ ދެކޮޅަށް އިޒްރޭލުން ލުބުނާނުގައި ހިންގަމުންދާ އަސްކަރީ ކެމްޕޭނަކީ ވޮޝިންޓަނާއި ތެހެރާނާ ދެމެދު ކުރިއަށްދާ މަޝްވަރާތަކަށް އެޅިފައިވާ ބޮޑު ހުރަހެކެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕް ހުކުރު ދުވަހު ކުރެއްވި ޕޯސްޓެއްގައި، އީރާނުން ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލުމަށް ނިންމި ނިންމުމަށް ޝުކުރު އަދާކުރެއްވި އެވެ.
މިކަމާ ގުޅޭގޮތުން ޓްރަމްޕް ވިދާޅުވީ، ހޮރްމޫޒް ކަނޑުއޮޅި މިހާރު އޮތީ "ވިޔަފާރިތަކަށް މުޅިން ހުޅުވާލެވިފައި" ކަމަށެވެ. ނަމަވެސް، އީރާނާއެކު ވަކި އެއްބަސްވުމަކަށް އާދެވެންދެން، އެމެރިކާގެ ކަނޑުގެ އަސްކަރިއްޔާއިން އީރާނަށް އަޅާފައިވާ ބްލޮކޭޑް އެގޮތުގައި ދަމަހައްޓާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އީރާނާއެކު ކުރެވޭ މުޢާމަލާތްތައް ސައްތައިން ސައްތަ ފުރިހަމަވަންދެން، އެ ގައުމާ ދެކޮޅަށް އަޅާފައިވާ ކަނޑުގެ ބަންދު އޭގެ އެންމެ ފުރިހަމަ ބާރާއެކު ދެމިއޮންނާނެ،" ޓްރަމްޕް ވިދާޅުވި އެވެ.
މި ނިންމުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ 11 އިންސައްތައަށްވުރެ ބޮޑަށް ދަށްވެފަ އެވެ. ހަނގުރާމަ ފެށުމުގެ ކުރިން ދުނިޔޭގެ ސާފުނުކުރާ ތެލުގެ ފަސްބައިކުޅަ އެއްބައި ސަޕްލައި ކުރެވެމުންދިޔައީ މި ކަނޑުއޮޅި މެދުވެރިކޮށެވެ. ފާރިސީ ކަނޑުއޮޅި ދުނިޔޭގެ ހަކަތައިގެ ބާޒާރުތަކާ ގުޅުވައިދޭ މި މުހިންމު މަގު ބަންދުވުމަކީ ތާރީހުގައި ތެލުގެ ސަޕްލައިއަށް އެންމެ ބޮޑު ބުރޫއެރި ހާދިސާ އެވެ.
އޭޕްރިލް 7 ގައި ޓްރަމްޕް ވަނީ، އީރާނުން މި ކަނޑުއޮޅި އެއްކޮށް ހުޅުވާލުމުގެ ބަދަލެއްގެ ގޮތުން ދެ ހަފުތާގެ މުއްދަތަށް ހަމަލާބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެފަ އެވެ. ނަމަވެސް އީރާނުގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ގާލީބާފް ވަނީ، އިޒްރޭލުން ލުބުނާނުގައި ހިންގާ ހަރަކާތްތަކަށް އެމެރިކާއިން ފުރުސަތު ދޭތީ، އެ ގައުމުން އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ތުހުމަތުކުރައްވާފަ އެވެ.
އެމެރިކާއާއި އީރާނާ ދެމެދު އެއްބަސްވުމުގެ މާއްދާތަކާމެދު އުފެދުނު ހިޔާލުތަފާތުވުންތަކާ ހުރެ، ހަމަލާބަދަލުކުރުން ހުއްޓާލާފައިވާ މުއްދަތުގައިވެސް މި ކަނޑުއޮޅި އޮތީ ގާތްގަނޑަކަށް މުޅިން ބަންދުކޮށްފަ އެވެ. މިހާރު ދުވާލެއްގެ މައްޗަށް އެ މަގުން ދަތުރުކުރަނީ މަދު ވިޔަފާރި އުޅަނދުތަކެކެވެ.
ނިމިދިޔަ ހަފުތާ ބަންދުގައި ޕާކިސްތާނުގައި ނައިބު ރައީސް ޖޭޑީ ވެންސް އާއި އީރާނުގެ ވަފުދާ ދެމެދު ކުރިއަށްދިޔަ މަޝްވަރާތަކުން، އެމެރިކާއާއި އީރާނާ ދެމެދު އޮތް ހަނގުރާމަ ދާއިމީކޮށް ހުއްޓާލުމުގެ އެއްބަސްވުމަކަށް ނާދެވުނެވެ. ނަމަވެސް، މި ހަފުތާ ބަންދުގައި ޕާކިސްތާނުގައި ދެ ގައުމުގެ މަންދޫބުން ބައްދަލުކޮށް، މަޝްވަރާގެ ދެވަނަ ބުރެއް ކުރިއަށް ގެންދެވިދާނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.
އީރާނާ ގުޅޭ ގޮތުން ޓްރަމްޕް ހައްދަވަނީ ދޮގު: ގާލީބާފް
ކުޑަކުއްޖަކު ގަހެއްގައި ބަނދެ އަނިޔާކުރި މައްސަލައެއް ބަލަނީ
ތާރީހީ ދަތުރަށްފަހު "އާޓެމިސް 2"ގެ ބައިވެރިންގެ ތަޖުރިބާ