އަބަދު އައިނު އަޅަންޖެހޭ މީހުން ކޮންމެ މުނާސަބަތަކަށް ހެދުން އެޅިޔަސް އައިނު އަޅަން ޖެހޭތީ މޭކަޕާއި ހެދުމުގެ ރީތިކަން ނުފެންނަ ފަހަރު އާދެ އެވެ. އެހެންވެ ހައްލެއް ކަމަށް ފެންނަނީ އައިނު ނޭޅުމެވެ.

އައިނު ނާޅައި އަދި ލެންސް ލެއްވެން ނެތް ހާލަތެއްގައި މި "ޓްރިކް" ތައް ބޭނުން ކޮށްލާށެވެ. މިއީ އައިނާއެކު ވެސް މޭކަޕްގެ ފުރިހަމަކަން ދައްކުވައިދޭނެ "ޓްރިކް" ތަކެކެވެ.

ސްމޯކީ އައި ފަދަ ކުލަގަދަ، އައި ޝެޑޯ އެކުލެވޭ އައި މޭކަޕެއް އައިނަކާ ނުގުޅޭނެ އެވެ. ސަބަބަކީ ގަދަ ކުލަތަކާ އެކު އައިނު އެޅުމުން، ލޯމައްޗަށް އެޅޭ ފަނޑު ހިޔަންޏާ ހެދި ލޯމަތި މާ އަދިރިކޮށް ދައްކާނެތީ އެވެ. މީގެ ބަދަލުގައި މަޑު ކުލަ އެކުލެވޭ މޭކަޕެއް ގުޅޭނެ އެވެ.

އައިލައިނާއެއް ބޭނުންކުރާ ނަމަ އައިނުގެ ފްރޭމަށް ވުރެ މަޑު ކުލައެއް ބޭނުން ކުރާށެވެ. ކަޅު ފްރޭމެއް ބޭނުންކުރާ ނަމަ ބްރޯންޒް ނުވަތަ ބްރައުން ކުލައެއްގެ ޝޭޑެއް ރަގަޅުވާނެ އެވެ. މީގެ ސަބަބުން ލޮލުގެ މޭކަޕް ބޮޑަށް ފާޅުވާނެ އެވެ.

އައިނު އަޅާ ނަމަ އެސްފިޔަތަކަށް އިތުރު މުހިންމު ކަމެއް ދޭށެވެ. އެސްފިޔަތައް ރަގަޅަށް ކާލް ކުރާށެވެ. މަސްކާރާ ބޭނުން ކުރާ ނަމަ ތިރީ އެސްފިޔަތަކުގައި ނުޖައްސާށެވެ. ސަބަބަކީ ކުރިން ބުނިހެން ހިޔަންޏެއް އެޅި ލޯމަތި ވަރުބަލިކޮށް ދައްކާނެތީ އެވެ.

ފަލަ ފްރޭމެއްގެ އައިނެއް އަޅާ ނަމަ އައިލައިނާ ވެސް ފަލަކޮށް އަޅާށެވެ. އަދި ބުމަ ސެޓް ކުރާށެވެ. ސަބަބަކީ ބުމައަކީ މޫނުގެ ފްރޭމް ކަމަށް ވާތީ އެވެ. އަދި ފައުންޑޭޝަން ބޭނުން ކުރާއިރު ލައިޓް ވެއިޓް ފައުންޑޭޝަނެއް ބޭނުންކުރާށެވެ. އޭރުން ހުރިހާ ފޯކަސްއެއް އަންނާނީ ލޮލަށެވެ.