ކީވް (05 ޑިސެމްބަރު) - ޔޫކްރެއިންގެ މައްސަލާގައި ރަޝިއާއިން ކުރާ ޑިމާންޑްތަކެއް ހުރުމާއެކު އެކަންކަން މަޝްވަރާ ކުރުމަށް ނޭޓޯ ފޮރިން މިނިސްޓަރުންގެ ވީޑިއޯ ކޮންފަރެންސް ކުއްލި ބައްދަލު ވުމެެއް ބޭއްވުމަށް އެ ޖަމާއަތުން ނިންމައިފި އެވެ.
ރަޝިއާގެ ކްރެމްލިންއިން ޔޫކްރެއިން ހިފާފާނެ ކަމުގެ ބިރާއެކު އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުގެ މަޝްރަހު ވަނީ ކުރިއަށް ވުރެ ބޮޑަށް ހޫނުވެފަ އެވެ.
އެހެންކަމުން މި މައްސަލާގައި ރަޝއާއިން އެމެރިކާއަށާއި ހުޅަނގުގެ ގައުމުތަކަށް ކުރިމަތި ކުރުވި ޝަރުތުތައް ރަޝިއާއާއެކު މަޝްވަރާ ކުރުމަށް އެމެރިކާގެ އޮފިޝަލުންނާއި ނޭޓޯއިން ވަނީ ތައްޔާރުވެފަ އެވެ.
ރަޝިއާއިން ނޭޓޯއަށް ކުރިމަތި ކުރުވާފައިވާ ޝަރުތަކީ ސޮވިއެޓް ޔޫނިއަންގެ ކުރީގެ މެމްބަރު ގައުމެއް ކަމަށްވާ ޔޫކްރެއިންއަށް ނޭޓޯގެ މެމްބަރުކަން ދުވަހަކު ވެސް ނުދިނުމެވެ.
އެހެން ނަމަވެސް ހުޅަނގުން ވަނީ ރަޝިއާގެ މި ޝަރުތަށް ދެކޮޅު ހަދައި ޔޫކްރެއިންއަށް އެއްވެސް ގޮތަކުން އަރަައި ހަމަލާ ދީފިނަމަ ނަތީޖާ ރަނގަޅު ނުވާނެކަމުގެ އިންޒާރު ދީފަ އެވެ.
ނޭޓޯއާއި ރަޝިއާގެ މެދުގައި އެންމެ ފަހުން މަޝްވަރާ ބައްދަލު ވުމެއް ބޭއްވިފައި ވަނީ 2019 ވަނަ އަހަރު ފިނި ހަނގުރާމައަށްފަހު ދެފަރާތުގެ މެދުގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކާ ބެހޭ ގޮތުންނެވެ.
2014 ވަނަ އަހަރު ރަޝިއާއިން ޔޫކްރެއިންގެ ސަރަހައްދެއް ހިފާފައިވާއިރު މިފަހަކަށް އައިސް ދެގައުމުގެ މެދުގައި ނުތަނަވަސްކަން އިތުރުވެ ރަޝިއާގެ ހަމަލާއެއް ޔޫކްރެއިންއަށް ކުރިމަތިވެދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ. -- އަލް އަރަބިއްޔާ