ކޮވިޑް-19 ޖެހިގެން މަރުވާ ގިނަ މީހުންގެ ފުއްޕާމެއަށް ބޮޑެތި ގެއްލުންވެފައިވާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
މި ދިރާސާގެ ސަބަބުން "ލޯންގް ކޮވިޑް" ނުވަތަ މި ބަލި ޖެހޭ މީހުންގެ ކިބައިން ގިނަ ދުވަސްތަކަަކަށް އަލާމާތްތައް ފެންނަ ސަބަބު ދެނެގަންނަން ޑޮކްޓަރުންނަށް ފަސޭހަތަކެއް ވެގެންދާނެ ކަމަށް ބެލެވެ އެވެ.
މި ދިރާސާ ކުރިއަށްގެންދިޔަ ސައިންސްވެރިންގެ ޓީމުން ވަނީ މިހާބޮޑު ގެއްލުންތައް ވުމަށް މެދުވެރިވާ ކޮވިޑް ޖައްސާ ވައިރަސް ކަމަށްވާ ސާސް-ކޮވް 2 ގެ ހާއްސަ ސިފަތަކެއް ދެނެގަނެފަ އެވެ.
"މި ހޯދުންތަކުން އެނގުނު ގޮތުގައި ކޮވިޑް-19 އަކީ ވައިރަސް ޖެހިފައި ހުންނަ ސެލްތައް މަރުވުމުން ޖެހޭ ބައްޔެއް ނޫން. މިއީ މި އާދަޔާ ހިލާފު ސެލްތައް ފުއްޕާމޭގެ ތެރޭގައި ގިނަ ދުވަސްތަކަކަށް ހުރުމުން ޖެހޭ ބައްޔެއް،" މި ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ކިންގްސް ކޮލެޖް ލަންޑަންގެ ޕްރޮފެސަރެއް ކަމަށްވާ މައުރޯ ގިއަކާ ބުންޏެވެ.
މި ދިރާސާވެރިންގެ ޓީމުން ވަނީ ކޮވިޑް-19 ޖެހިގެން ފެބްރުއަރީ އާއި އެޕްރިލް މަހާއި ދެމެދު އިޓަލިގެ ހޮސްޕިޓަލަކުން މަރުވި 41 މީހުންގެ ފުއްޕާމެއާއި ކިޑްނީ، ހިތް އަދި ލިވާ އިން ޓީޝޫ ނެގުމަށްފަހު ތަހުލީލުތަކެއް ކޮށްފަ އެވެ.
ގިއަކާ ވިދާޅުވި ގޮތުގައި ހަށިގަނޑުގެ ގިނަ ގުނަވަންތަކަށް މާ ބޮޑު ގެއްލުމެއް ނުލިބުނަސް ފުއްޕާމެއަށް ގިނަ ގެއްލުންތަކެއް ވެ އެވެ.
ދުނިޔޭގެ އެކި ހިސާބުތަކުން މިހާތަނަށް ހެދިފައިހުރި ދިރާސާތަކުން ދައްކާ ގޮތުގައި ކޮވިޑް-19 ޖެހިފައި ރަނގަޅުވެފައި ތިބޭ މީހުން އެ ބަލިން ރަނގަޅު ވުމަށްފަހު ވެސް ބްރެއިން ފޮގް، ގައިގައި ރިއްސުން އަދި ނޭވާ ކުރުވުން ފަދަ ކަންތައްތައް ދިމާވެ އެވެ. މި ހާލަތަށް ކިޔާ އުޅެނީ "ލޯންގް ކޮވިޑް" އެވެ.