އަވަހަށް ނިދާފައި އަވަހަށް ހޭލުމަށް އާދަކުރުމަށް ބުނާއަޑު ވަރަށް ގިނައިން އިވެ އެވެ. އަޅުގަނޑުމެން މުސްލިމުންނަށްވެސް އޮތީ އިޝާ ނަމާދު ފަހުން އަވަހަށް ނިދާފައި ފަތިސް ނަމާދުން ދުވަސް ފެށުމެވެ. ސިއްހީ ގޮތުން ބަލާއިރުވެސް ރޭގަނޑު އަވަހަށް ނިދަން އާދަކުރަން ޖެހޭ ބައެއް ސަބަބުތައް އެބަހުއްޓެވެ. އޭގެ ތެރޭގައި ޖިސްމާނީ އަދި ނަފްސާނީ ފައިދާތައް ހިމެނެ އެވެ. މިއަދު މި ބަލާލަނީ އެފަދަ ބައެއް ކަންކަމަށެވެ.

ހަށިގަނޑު ތާޒާވުން

ހަށިގަނޑުގެ ސެލްތައް އަލުން މަރާމާތު ވުމަށާއި މުޅި ހަށިގަނޑުގެ ހެދިބޮޑުވުމަށް އެންމެ މުހިންމު ވަގުތަކީ ހަށިގަނޑު އެންމެ ފުން ނިދީގައި އޮންނަ ވަގުތެވެ. މިވަގުތުގައި ހަށިގަނޑަށް ބޭނުންވާ ހޯމޯން އުފައްދާނެ އެވެ. އޭރުން ޖެހިގެން އަންނަ ދުވަހަށް ކުރިމަތިލާއިރު ހަށިގަނޑު ހުންނާނީ އެއްކޮށް ތާޒާވެފަ އެވެ. މިއީ ކުޅިވަރުކުޅެ ބޮޑަށް ހެލިފެލިވެ އުޅޭ މީހުނަށް ވަރަށް މުހިންމު ކަމެކެވެ.

ސްޓްރެސް ދަށްވުން

ނިދި ހަމައަށް ނުލިބޭނަމަ ކޯރޓިސޮލް ކިޔަ ހޯމޯނެއް އުފައްދާނެ އެވެ. މިއީ ސްޓްރެސްގެ މިންވަރު މަތިކުރާ ހޯމޯނެވެ. ރޭގަނޑު އާންމުކޮށް ނިދާ މީހަކު އެއް ރޭ ވެސް ނުނިދާ ހުރެއްޖެނަމަ އަވަހަށް ރުޅިއައިސް ކުރެވޭ ނުކުރެވޭ ކަމެއް ނޭނގި ހާސްވެގެން އުޅެނީ މިހެންވެ އެވެ. ކޯރޓިސޮލް މާގިނަވުމަކީ ސިއްޙަތަށް ގެއްލުންވާނެ ކަމެކެވެ. ރޭގަނޑު އަވަހަށް ނިދާފައި ހޭލުމުން މީހާގެ މޫޑަށް ވެސް ބަދަލު އަންނަކަން ފާހަގަ ކުރެވޭނެ އެވެ.

ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވުން

ވަރަށް ގިނަ ދިރާސާތަކުން ދައްކާގޮތުގައި އަވަހަށް ނިދާ މީހުންގެ ސިއްޙަތު ލަހުން ނިދާ މީހުންނަށްވުރެ އެތައް ގުނައެއް ރަނގަޅެވެ. ލަހުން ނިދާ އަދި 8 ގަޑިއިރުގެ ނިދި ނުލިބޭ މީހުންގެ މެދުގައި ޓައިޕް-2 ޑައިބެޓިކް އަދި ހިތުގެ ބަލިތަކުގެ އިތުރުން ލޭމައްޗަށް ދިއުން ވަރަށް އާންމުކޮށް ފާހަގަ ކުރެވެ އެވެ. ދަންވަރު 10 އިން މެންދަމު 2 އަށް ނިދާ ވަގުތުގައި ހަށިގަނޑުގެ ދިފާޢީ ނިޒާމްގެ ސެލްތައްވެސް މަރާމާތު ވާނެ އެވެ. އެހެންކަމުން ލަހުން ނިދާ މީހުންގެ ދިފާއީ ނިޒާމް ބަލިކަށި ވާނެ އެވެ.

އަމިއްލަ އިޙްސާސްތައް ކޮންޓްރޯލް ކުރަން އެނގުން

ދިރާސާތަކުން ދައްކާގޮތުގައި ރޭގަނޑުގެ ހަމަނިދި ނިދާމީހުންގެ ދިރިއުޅުން އެނޫން މިހުނާ އަޅާބަލާއިރު މާ އުފާވެރި އެވެ. ނަމަވެސް ލަހުން ނިދާފައި ނިދީގެ އެންމެ އަރާމު ވަގުތު ގެއްލޭނަމަ އަމިއްލަ އިހްސާސްތައް ކަމަށްވާ ދެރަވުމާއި ރުޅިއައުން ފަދަ ކަންކަން ކޮންޓްރޯލް ކުރަން އުނދަގޫވާނެ އެވެ.