މޭކަޕް ނުކޮށް އުޅުމަކީ މިހާރު އުނދަގޫ ކަމެކެވެ. އެކި މީހުން އެކި ފެންވަރުގައި މިކަން ކުރެ އެވެ. އެކަމަކު ބައެއް ފަހަރު، ވަރަށް ނުގުޅޭ ގޮތްގޮތަށް މޭކަޕް ކުރެވި، މޭކަޕުން ހުތުރުކަން ނޫނީ ނުލިބެ އެވެ. އެހެންވެ މިފަހަރު މި ކިޔައިދެނީ މޭކަޕް ކުރުމުގައި ސަމާލުވާން ޖެހޭ ކަންކަމެވެ.
ބުމައިގައި އައިޝެޑޯ އެޅުން
ބުމައިގައި ފަންސޫރު ހޭކުން ވަރަށް އާންމެވެ. ނަމަވެސް ފަންސޫރުން ކުލަ ޖައްސާފައި ހުރުމުން އެހާ ރީއްޗެއް ނޫނެވެ. ބުމަ މަތިން ކުލަ ޖައްސާފައި ހުންނަ ސިފަ އާދެ އެވެ. މޭކަޕް ކުރުމުގެ ތަޖުރިބާކާރުން ބުނާގޮތުގައި ފަންސޫރަށް ވުރެ، ބުމައިގެ އިސްތަށީގެ ކުލަޔާ ގުޅޭ ކަހަލަ އައިޝެޑޯއެއް ބޭނުންކުރުން ރަނގަޅެވެ. ހިމަ ސްޓިފް ފިއްސަކުންނާއި އޭންގަލް ފިއްސަކުން އިސްތައްޓާ އެއްކޮޅަށް އިސްތަށީގެ ދޭތެރެ ތަކުގައި އައިޝެޑޯ ޖައްސާލާށެވެ. މި
ރަނގަޅު ފައުންޑޭޝަނެއް ހިޔާރު ކުރުން
ހަންގަނޑުގެ ކުލަ ގަދަވެފައި ހުންނަ ގޮތް ފައުންޑޭޝަނަކުން ދަައްކާނަމަ ފައުންޑޭޝަން ބަދަލު ކުރާށެވެ. އެގޮތް ބޭނުންވާ ނަމަ އުނގުޅާނީ ބްރޮންޒާ އެވެ. ފައުންޑޭޝަނެއްގެ ބޭނުމަކީ ހަންގަނޑުގައި ހުންނަ ބައެއް ލައްތައް ފޮރުވައި މުޅި ހަންގަނޑު އެއްކުލަޔަކަށް ގެނެސް އޮމާންކޮށް ދެއްކުމެވެ. އެހެންވެ، އަބަދުވެސް ހަންގަނޑުގެ ކުލަޔާ އެންމެ ގުޅޭ ފައުންޑޭޝަނެއް ހިޔާރު ކުރާށެވެ. ފައުންޑޭޝަން ގަންނަ އިރު އަތުގައި ޓެސްޓު ނުކޮށް ދަތްދޮޅި ކައިރީގައި އުނގުޅާލައިގެން ޓެސްޓު ކޮށްލާށެވެ.
ދުވާލުގަޑީގައި ކަޅު ކުލައިގެ އައިލައިނާ ބޭނުން ނުކުރުން
އައިލައިނާ އަޅާއިރު، ގަދަ ކުލަތަކުން ލޯ ކުޑަކަން އަދި އަލި ކުލަތަކުން ލޯ ހުޅިވިފައި އިންނަލެއް ބޮޑުކަމަށް ދައްކާނެ އެވެ. މާހިރުން ބުނަނީ ދުވާލުގަޑީގައި ލޮލުގައި ކަޅު ކުލައިގެ އައިލައިނާ ނޭޅުމަށެވެ. ހާއްސަކޮށް ލޮލުގެ ތިރީގަ އެވެ. ކަޅު ކުލަައިގެ ބަދަލުގައި، ދުވާލުގަޑީގަައި މުށި ކުލައިގެ އައިލައިނާއެއް އެޅުން މާ ރަނގަޅެވެ.
މޫނުމަތި ކޮންޓުއާ ނުކުރުން
ކޮންޓުއާރިންގް ޓެކްނީކަކީ އެކަމުގެ ޕްރޮފެޝަނަލް މީހުންނަށް ދޫކޮށްލާފައި ބަހައްޓަންވީ ކަމެކެވެ. އާދައިގެމަތިން ކޮންމެ ދުވަހަކުގެ ބޭރަށް ނުކުމެ އުޅެން ކޮންޓޯ ކުރުން އެހާ ރަނގަޅެއް ނޫނެވެ. މިއީ ފޮޓޯޝޫޓު ނުވަތަ ހާއްސަ ހަފުލާތަކަށާއި ނުވަތަ ފިލުމް ޝޫޓިން ފަދަ ކަންކަމަށް ކުރަން ރަނގަޅު ކަމެކެވެ. ކިތަންމެ މޮޅަށް ކޮންޓުއާ ކޮށްފައި ހުއްޓަސް އާދައިގެ ދުވަހެއްގައި އައްޔަށް ނުކުމެ ކައިރިން ބަލާލައިފިއްޔާ ވަރަށް ބޮޑަށް ދައްކާނެ އެވެ.
ހިކިފައި ހުންނަ ހަންގަނޑުގައި މޭކަޕް ނޫނގުޅުން
މޫނު އާދަޔާ ހިލާފަށް ހިކޭ ނަމަ ނުވަތަ ތަންތަން ކޮޅުން ހަން ފޮޅޭ ނަމަ އޭގެ މަތިން ފައުންޑޭޝަން އުނގުޅީމާ ހަޑިވާނެ އެވެ. ހަނގަނޑާ ބްލެންޑު ވުމުގެ ބަދަލުގައި ވަކި ވަކިން ފައުންޑޭޝަންތައް އެނގެން ހުންނާނެ އެެވެ. ފުރަތަމަ މޫނު ހިކެން މެދުވެރިވާ ސަބަބަށް ހައްލެއް ހޯދާށެވެ. ގަވައިދުން އެކްސްފޮލިއޭޓް ކޮށް ރަނގަޅު މޮއިސްޗަރައިޒާ އެއް ބޭނުން ކުރާށެވެ. ނުވަތަ ސެލޫނަކަށް ގޮސް ކަމުގެ ތަޖުރިބާކާރެއްގެ ކައިރިން ހަންގަނޑު ޓެސްޓު ކޮށްލައި އެކަމަށް ކުރެވޭނެ ކަންތައްތައް ބަލާލާށެވެ. ހަންގަނޑު އޮމާން ވީ ވަރަކަށް މޫނުގައި އުނގުޅާ އެއްޗެހި ބްލެންޑު ވާލެއް ވެސް ރީތި ވާނެ އެވެ.