ފެށިގެން އައި އަހަރާއެކު ގިނަ ބަޔަކު އެންމެ ގިނައިން ކަނޑައަޅާނެ އެއް އަޒުމަކީ ނަމާދުތަކަށް ފަރުވާތެރި ވުމެވެ. ފާއިތުވެ ދިޔަ އަހަރުތަކުގައި އުޒުރަކާއި ނުލާ އެޅުނު ނަމާދުތަކާއި މެދު ހިތާމަ ކުރާ ޙާލު ގައެވެ. އެއާއެކު އަހަރުގެ ކުރީކޮޅު މިސްކިތްތަކުގެ ސަފުތައް އާދަޔާ ޚިލާފަށް ފުރެއެވެ. ޖަމާޢަތަށް މިސްކިތަށް އަރާ ކުޑަކުދިންނާއި ޒުވާނުންގެ އަދަދު އިތުރުވެ އެވެ.
މިއީ ކޮންމެ އަހަރަކުވެސް އަޅުގަނޑުމެންގެ މުޖުތަމަޢުން ފެންނަ މަންޒަރުތަކެވެ. އާ އަހަރުގެ " ރިޒޮލިއުޝަންސް " ތަކާއެކު ދީނީ ކަންކަމަށް، ޙާއްސަކޮށް ނަމާދަށް އިސްކަން ދޭން ފެށުމަކީ މުޖުތަމަޢުގެ ޒުވާނުންގެ މެދުގައި އަށަގަނަފައި އޮތް ސަޤާފަތެކެވެ.
ނަމަވެސް ދެންވަނީ ކިހިނެއް ހެއްޔެވެ؟ ދުވަސްތައް ފާއިތުވަމުންދާ ވަރަކަށް މިސްކިތްތަކުގެ ސަފުތައް ފަޅުވާން ފަށަ އެވެ. ދިރިއުޅުމުގެ ކަންކަމުގައި މަސްޢޫލުވެ ނަމާދަށް ފަރުވާކުޑަ ކުރެވެން ފަށަ އެވެ. މަޖަލާއި ސަކަރާތަށް ތިމާގެ ވަގުތުތައް ހުސްކޮށް އަމިއްލަ ނަފުސަށް ވެވުނު ވަޢުދު ހަނދާން ނެތެ އެވެ. ވަޒީފާ އާއި އެނޫންވެސް ދުނިޔަވީ ކަންކަމުގައި ނަމާދަށް އިހުމާލުވެވޭ ތަން އާދެ އެވެ.
މިއީ މަދު މީހެއް ނޫނީ މި އަޒުމު ކަނޑައަޅާ މީހުންގެ ފަރާތުން ކޮންމެ އަހަރަކުވެސް ތަކުރާރުވާ އާދަ އެކެވެ. ކަނޑައެޅި އަޒުމުގެ މަތީގައި ދެމިހުރެ އަމިއްލަ ނަފްސު އިސްލާޙު ކުރެވެނީ ވަރަށްވެސް މަދު ބަޔަކަށެވެ.
އަޚާއެވެ! އުޚްތާއެވެ! ތިބާއަކީ މިއަހަރު އެފަދަ އަޒުމެއް ކަނޑައެޅި ފަރާތެއްނަމަ އަޑުއަހާށެވެ! ތިބާގެ ދިރިއުޅުން ނަމާދުގެ މައްޗަށް ބިންގާ އަޅާށެވެ. ދުވަހުގެ ޝެޑިއުލް ނަމާދުތަކަށް ވަގުތު ހުސްކޮށްގެން ހަމަޖައްސާށެވެ. މުނިފޫހި ފިލުވުމަކީވެސް ދީނުގެ އިމުގެ ތެރެއިން އޮންނަ ކަމެކެވެ. އެހެނީ އަޅުގަނޑުމެންގެ އިސްލާމް ދީނަކީ މެދުމިނުގެ ދީނެކެވެ. އާޚިރަތާއެކު ދުނިޔަވީ ދިރިއުޅުމަށްޓަކައި މަސައްކަތް ކުރުމަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަޞައްލަމް އަންގަވާފައިވެ އެވެ.
އެހެން ނަމަވެސް ދުނިޔަވީ މަޖަލާއި އުފަލުގައި ޣާފިލް ވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އޭ އަޚުންނާއި އުޚްތުންނޭވެ! އިސްލާޙުވާން އެދޭނަމަ ތިބާ ކަނޑައެޅި އަޒުމުގެ މަތީގައި ސާބިތުވެ ހުންނާށެވެ! ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން އޮތީ ނަމާދުންނެވެ. މާތް ﷲ އަޅަމެންނަށް ހެޔޮމަހު ދައްކަވައި އެމަގުގައި ސާބިތުވެ ހުރުމުގެ ތައުފީޤު ދެއްވާށި އެވެ!