ހަށިގަނޑުގެ ކޮންމެވެސް ތަނަކުން އުމެއް ނުވަތަ ގޮށެއް ފެނުމަކީ ކޮންމެ މީހަކު ވެސް ނުހަނު ބިރުގަންނާނެ ކަމެކެވެ. ނަމަވެސް، ހަށިގަނޑުން ފެންނަ ކޮންމެ ގޮށަކީ ކެންސަރުގެ އަލާމާތެއް ނޫނެވެ.
އިންޑިއާގެ ނިއު ދިއްލީގެ ހޯޕް އޮންކޮލޮޖީގެ މެޑިކަލް އޮންކޮލޮޖީ ޑިރެކްޓަރު ޑރ. އާމިޝް ވޯރާ ވިދާޅުވާ ގޮތުގައި، ގިނަ ގޮށްތަކަކީ ސިސްޓް، އިންފެކްޝަން ނުވަތަ މަސްގަނޑާއި ތެލުގެ އަސަރުން އުފެދޭ ނުރައްކަލެއް ނެތް އެއްޗެހި ކަމަށެވެ. ނަމަވެސް، ވަކި އުސޫލުތަކަކަށް ބަލައި މިފަދަ ގޮށްތަކަށް ސަމާލުވުން މުހިއްމެވެ.
ޑރ. އާމިޝް ވިދާޅުވި ގޮތުގައި، ހަށިގަނޑުން ފެންނަ ގޮށެއް ދެ ހަފްތާއާއި ހަތަރު ހަފުތާއަށް ވުރެ ދިގު މުއްދަތަކަށް ނުފިލައި ހުރުން، ނުވަތަ ދުވަހުން ދުވަހަށް ބޮޑު ވަމުންދާނަމަ އެއީ ސީރިއަސްކޮށް ނަގަންޖެހޭ ކަމެކެވެ.
އެއާއެކު އެ ސަރަހައްދުގައ އަތްލުމުން ވަރަށް ހަރުކޮށް ހުރުމާއި، ހަށިގަނޑުގެ އެެހެން ކުދި ނާރުތަކާއި މަސްތަކާ ގުޅި، ހަރަކާތް ކުރަން އުނދަގޫވާ ގޮތަށް ހުންނަ ނަމަ ވަގުތުން ޑޮކްޓަރަށް ދައްކައި އިވެލުއޭޝަނެއް ހަދަން ޖެހެ އެވެ.
ގިނަ މީހުންނަށް ހީވެފައި އޮންނަނީ ގޮށެއްގައި ތަދެއް ނުހުންނަނަމަ އެއީ ނުރައްކާތެރި އެއްޗެއް ނޫން ކަމަށެވެ. ނަމަވެސް، ޑރ. އާމިޝް ފާހަގަކުރެއްވި ގޮތުގައި، ތަދުނުވާ ގޮށްތަކަކީ ވެސް ތަދުވާ ގޮށްތަކެކޭ އެއްވަރަށް ނުރައްކާތެރި އެއްޗަކަށް ވެދާނެ އެވެ.
މީގެ އިތުރުން، ގޮށް އުފެދިފައިވާ ސަރަހައްދުގެ ހަންގަނޑުގެ ކުލައަށް ނުވަތަ އޮމާން ކަމަށް ބަދަލު އައުމާއި، ސަބަބެއް ނެތި ބަރުދަން ލުއިވުމާއި، ވަރުބަލިވުން، ހުން އައުން އަދި ލިމްފް ނޯޑުތައް ދުޅަވުން ފަދަ އިތުރު އަލާމާތްތައް ފެންނަ ނަމަ ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދަން ޖެހެ އެވެ.
ހާއްސަކޮށް އުރަމަތި، ކަންފަތުގެ ފަހަތް، ކަރު، އަތް ދަށް، އުނަގަނޑު، ނުވަތަ އަންހެނުންނާއި ފިރިހެނުންގެ ޖިންސީ ގުނަވަންތަކުގެ ސަރަހައްދުން ފެންނަ ސަބަބު ނޭނގޭ ގޮށްތަކަށް އިތުރަށް ސަމާލުވާން ޖެހެ އެވެ.
މެޑިކަލް އޮންކޮލޮޖިސްޓުން އެހެން ސާޖަނުންނާއި ރޭޑިއޮލޮޖިސްޓުންނާ ގުޅިގެން، އަލްޓްރާސައުންޑް، އެމްއާރްއައި އަދި ބަޔޮޕްސީ ހަދައިގެން މިއީ ކެންސަރުގެ އަސަރެއްތޯ އަވަހަށް ދެނެގަނެ އެވެ.
ހަށިގަނޑުން ފެންނަ އުމެއް ނުވަތަ ގޮށެއް އޭގެ ޒާތުގައި ފިލައިގެން ގޮސްދާނެ ކަމަށް ބަލައި އިހުމާލުވުމަކީ ބަލި ދެނެގަތުން ލަސްވެ، ފަރުވާ ކުރަން އުނދަގޫވާ މައިގަނޑު ސަބަބެވެ.
ކެންސަރުގެ ކުރީކޮޅު ބަލި ދެނެގަނެވިއްޖެނަމަ، ފަރުވާ ކޮށްގެން ރަނގަޅުވުމުގެ ފުރުސަތު ބޮޑުތަނުން އިތުރުވެގެންދެ އެވެ. އެހެންކަމުން، އަމިއްލަ ހަށިގަނޑަށް އަންނަ ބަދަލުތަކަށް ސަމާލުވެ، އާދަޔާ ހިލާފު ކަމެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ އިރުޝާދު ހޯދުން މުހިއްމެވެ.
މަތިންދާ ބޯޓު ނައްޓާލުމާއި ޖެއްސުމުގައި އަލި ފަނޑު ކުރަނީ ކީއްވެ؟
ބިޑަކާ ނުލައި މަނިޔަފުށި ނުއަގުގައި އާމިރު މަންސޫރަށް ދީފި