ގަދަ ރަތްކުލައިގައި ހުންނަ ފިޔާއަކީ އޭގައި އެކުލެވޭ ޑައިޓްރީ ފްލެވްނޮއިޑްސް އަށް މަޝްހޫރު އެއްޗެކެވެ. އަދި މިއީ އުރަމައްޗާއި ކޮލޯން ކެންސަރުން ދިފާއުކޮށްދޭ އެއްޗެއް ކަމަށް ދިރާސާއަކުން ދައްކައިފި އެވެ. .
ފިޔާ ކެއުމުގެ ސަބަބުން ކެންސަރު ސެލްތައް މަރުވުމުގެ މަގު ފަހިވެގެންދާ ކަމަށްމި ދިރާސާގައިވެ އެވެ. އަދި ކެންސަރު ސެލްތަކަށް ދިރިއުޅެން އުނދަގޫ މާހައުލެއް ފިޔާގެ ސަބަބުން އުފެދި ކެންސަރު ސެލްތަކުގެ ގުޅުންތަކަށް ބުރޫ އަރައި އުފެދުން ހުއްޓެން މެދުވެރިވާ ކަން ސައިންސްވެރިން ވަނީ ފާހަގަ ކޮށްފަ އެވެ.
ޖާނަލް ފުޑް ރިސާޗް އިންޓަނޭޝަނަލްގައި ދާދިފަހުން ޝާއިއުކުރި މި ދިރާސާގައި ހާމަކޮށްފައިވާ ގޮތުގައި ރަތްކުލައިގެ ފިޔައިގައި ކުއޭސިޓިން ވަރަށް މައްޗަށް ހުރެ އެވެ. މިއީ ފްލެވޮނޮއިޑް ގްރޫޕްގައި ހިމެނޭ ޕްލާންޓް ޕޮލިފެނޯލް އެކެެވެ. ވަރަށް ގިނަ ތަރުކާރީ އާއި މޭވާ އަދި ފަތާއި ގޮވާމުގެ ބާވަތްތަކުގައި ވެސް ހުރެ އެވެ. މި މާއްދާއިން ން ލިބޭ އިތުރު ފައިދާތަކުގެ ތެރޭގައި އިންފްލެމޭޝަން އާއި އެލާޖީން ދުރުވުން ހިމެނެ އެވެ.
މީގެ އިތުރުން ރަތް ފިޔާގައި އެންތޮސައިނިން ކިޔާ މާއްދާއެއް ވެސް އެކުލެވިގެން ވެއެވެ. އެންތޮސައިނިން އަކީ މޭވާ އާއި ތަރުކާރީގައި އެކި ކުލަ ޖެހެން މެދުވެރިވާ މާއްދާ އެވެ. އެހެންކަމުން ފިޔާގައި ހުންނަ ރަތް ކުލަ ގަދަވާ ވަރަކަށް އޭގައި އެކުލެވޭ ކެންސަރާ ހަނގުރާމަ ކުރުމުގެ ބާރު އިތުރުވަނީ އެވެ.
ފިޔައަކީ ކެންސަރު ސެލްތައް މަރާލަން ކިހާވަރެއްގެ އަސަރެއް ފޯރާ އެއްޗެއްތޯ ބެލުމަށް ހެދި ފުރަތަމަ ދިރާސާ އިން ސައިންސްވެރިންނަށް ހޯދުނު އެއް ކަމަކީ ހުރިހާ ވައްތަރެއްގެ ފިޔައަކުން އެއްވަރަކަށް އަސަރުތައް ނުކުރާ ކަމެވެ.އެގޮތުން އެންޓޭރިއޯގައި ހައްދާ ފަސް ބާވަތެއްގެ ފިޔާ މި ޓީމުން ވަނީ ޓެސްޓްކޮށްފަ އެވެ. ފާހަގަ ކުރެވުނު ގޮތުގައި ރޫބީ ރިންގް އޮނިއަންގެ ބާވަތަކީ ކެންސަރު ސެލްތައް މަރާލަން އެންމެ ބަރާބަރު ވައްތަރެވެ. މި ވައްތަރުގެ ފިޔާ ހުންނަނީ ދިއްލޭ ބޮކި ހުންނަ ބައްޓަމަށް ކުރިޔަށް ދިގުކޮށެވެ. އަދި ފިޔާގައި ވަރަށް ގަދަ ރަތްކުލައެއް ހުރެ އެވެ.
ފަސް ބާވަތުގެ ފިޔާގެ ދިޔަ ނަގައި އުރަމަތި އަދި ކޮލޯން ކެންސަރުގެ ސެލްތަކުގައި ސީދާސީދަށް ޖެއްސުމުން ކެންސަރު ސެލްތައް މަރުވެފައި ވެއެވެ. ޚާއްސަކޮށް ރަތް ފިޔައިގެ ދިޔައިން ދެއްކި ނަތީޖާ މާ ރަނގަޅެވެ.މުރައްޔާން ވިދާޅުވީ ދެން އޮތީ އިންސާނުންގެ މެދުގައި މި ފަދަ ޓެސްޓެއް ހެދުމެވެ. އިންސާނުންގެ ހަށިގަނޑުގައި ކެންސަރު ސެލްތަކަށް މި ފިޔައިގެ ދިޔައިން ކުރާ އަސަރުތައް ދެނެގަތުމެވެ
.ސުޕަ ފުޑްގެ ގޮތުގައި ބެލެވޭ މި ވައްތަރުގެ ފިޔާ މިހާރު ގިނައިން ބޭނުންކުރަނީ ސަޓަނި ހެދުމަށާއި ބާގާ ބަނަހުގެ މެދަށް ލުމަށެވެ. ނަމަވެސް މި ވައްތަރުގެ ފިޔާގެ ދިޔަ އުފައްދައިގެން ޖޫސް އަދި ފިހާ ތަކެއްޗަށް މި ދިޔަ އަޅައިގެން ބޭނުންކުރުން ރަނގަޅުވާނެ ކަމަށް ސައިންސްވެރިން ވަނީ ބުނެފަ އެވެ. އަދި ފިޔާ ދިޔައިން ގުޅަ ބޭހެއް ތައްޔާރުކޮށް އާއްމުންނަށް ލިބޭ ގޮތް ހެދުމަކީ ވެސް ވަރަށް ފައިދާ ހުރި ކަމެއް ކަމަށް މިފަހަރުގެ ދިރާސާގައި ބައިވެރިވި ފަރާތްތަކުން ވަނީ ބުނެފަ އެވެ.