ވިލިމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކަށް ކުރާ ހަ ދައުވާގެ މިއަދަށް ތާވަލްކުރި ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ.

ނިހާންގެ މައްޗަށް ދައުލަތުން އުފުލީ، ރިޝްވަތަށް އެދުމުގެ ދެދައުވާއަކާއި ރިޝްވަތު ހިފުމުގެ ތިން ދައުވާއެއްގެ އިތުރުން، މަނީ ލޯންޑްރިންގެ ދައުވާއެކެވެ.

ކްރިމިނަލް ކޯޓުން މި ދައުވާތަކުގެ ޝަރީއަތް ބޭއްވުމަށް ތާވަލްކުރީ މިއަދު ހެނދުނުގެ 9 ގަ އެވެ. އެހެންނަމަވެސް އެ އަޑުއެހުން ވަނީ ކޯޓުން ކެންސަލްކޮށްފަ އެވެ.

ނިހާންގެ މައްޗަށް އެ ދައުވާތައް ކުރަނީ، އޭނާ މަޖިލިސް މެމްބަރެއްގެ ގޮތުގައި ހުންނެވިއިރު، ކުރީގެ ނައިބު ރައީސް ކަމަށްވާ އަހުމަދު އަދީބު މެދުވެރިކޮށް، ގިނަ އަދަދެއްގެ ފައިސާ ނެންގެވިކަމަށް ތުހުމަތުކޮށްގެންނެވެ. އަދި މީގެ ތެރޭގަައި އޭނާ ހޯދިކަމަށް ބުނާ މުދަލާއި ފައިސާ ދައުލަތަށް ނަގަން އެ މައްސަލައިގައި ދައުލަތުން އެދިފައިވެ އެވެ.

އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތައް ސާބިތުވާނަމަ، 36 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ނިހާންގެ މައްޗަށް ހަ ދައުވާއެއް ކުރާއިރު، އޭނާގެ ޕާސްޕޯޓު ވަނީ ހިފާއްޓާފަ އެވެ. އަދި އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް އޭނާ އިންކާރުކޮށްފައިވެ އެވެ.