ކިމް ކާޑޭޝިއަން، މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅޭ ޕީޓް ޑޭވިޑްސަންއަށް އަނިޔާކުރާނެ ކަމަށް ބުނެ، އޭނާގެ ކުރީގެ ފިރިމީހާ ކާންޔޭ ވެސްޓް ފާޅުކަން ބޮޑު ގޮތެއްގައި އިންޒާރުދީފި އެވެ.

ކިމް އާއި ޕީޓް ލޯބީގެ ގޮތުން ގުޅުނީ ކާންޔޭ އޭނާއަށް ބޭވަފާތެރިވުމާ ގުޅިގެން އޭނާއާ ވަރިވެ ގުޅުން ކަނޑާލާފައި ވަނިކޮށެވެ.

ހަބަރުތައް ބުނާގޮތުން، ކިމް އިތުރަށް ދެން ކާންޔޭއާ ގުޅެން ބޭނުން ނުވާކަމަށް އޭނާ ބުނެފައިވެ އެވެ.

ނަމަވެސް ކާންޔޭ ދިޔައީ އެ ދެ މީހުންގެ ގުޅުމަށް ހުރަސްއަޅައި، ކިމް އަލުން ހޯދުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުން ކަމަށް އިނގިރޭސި ނޫސްތަކުން ބުނެ އެވެ.

ކިމްގެ ހަޔާތަށް ޕީޓް އައުމާމެދު ކާންޔޭ ހިތްހަމަނުޖެހޭ ކަން، އޭނާގެ ނެރެން ހަމަޖެހިފައިވާ ލަވައިން ފޭނުންނަށް ވަރަށް ބޮޑަށް ވެސް ފާހަގަވެފައިވެ އެވެ.

ކާންޔޭގެ "މައި ލައިފް ވޯޒް ނެވާ އީޒީ"ގެ ޓީޒާ މިހާރު އާންމުވެފައިވާއިރު، ކިމްގެ ލޯބިވެރިޔާއަށް އަނިޔާކުރާނެ ފަދަ އިބާރާތުން ލަވަ ހަދާފައިވާކަން ވެސް ލިރިކްސިން އާންމުންނަށް ވަނީ އެނގިފަ އެވެ.

އެ ލަވައިގެ ލިރިކްސްގައި ކާންޔޭ ބުނީ އޭނާ ކާރު އެކްސިޑެންޓަކުން ސަލާމަތްވީ ޕީޓް ޑޭވިޑްސަންއަށް އަނިޔާކުރުމަށް ކަމަށެވެ.

ލަވައިގައި ކާންޔޭ ބުނާ އެކްސިޑެންޓަކީ މީގެ އަހަރުތަކެއް 2002 ވަނަ އަހަރުގައި އޭނާއަށް ކުރިމަތިވި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގެ ވާހަކަ އެވެ. އެ އެކްސިޑެންޓުގައި ކާންޔޭގެ ފުރާނަ ސަލާމަތްވީ ހީނުކުރާ ގޮތަކަށްށެވެ.