ދުޅަހެޔޮ ގޮތެއްގައި ދަނޑުވެރިކަން ކުރުމަށް ދަނޑުތަކަށް ގެއްލުންދޭ ތަފާތު ވައްތަރުގެ ސޫފާ ސޫފިތަކުންނާއި ދިރުންތަކުން އެތަންތަން ރައްކާތެރި ކުރަން ޖެހެ އެވެ. އެގޮތުން ދަނޑުވެރިކަން ކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތާފަތު ވައްތަރުގެ ބޭހާއި ކެމިކަލް ބޭނުން ކުރެ އެވެ.
މި ކެމިކަލްތަކަކީ އިންސާނުންގެ ހަށިގަނޑަށް ނުރައްކާތެރި މާއްދާތަކެއް ކަމުން މިފަދަ މޭވާއާއި ތަރުކާރީ ބޭނުން ކުރުމުގެ ކުރިން އެއިން ކެމިކަލް ފިލުވުމަކީ މުހިއްމު ކަމެކެވެ. މި ލިޔުމުގައި މި ބަލާލަނީ އެކަން ކުރެވިދާނެ ބައެއް ގޮތް ގޮތަށެވެ.
ތޮށި މެށުން
ބައެއް މޭވާ އާއި ތަރުކާރީގައި އެކުލެވެނީ ވަރަށް ތުނި ތޮށި ގަނޑެކެވެ. އެހެންކަމުން ބޭހާއި ކެމިކަލްތަކުން ސަލާމަތްވުމަށް މޭވާގެ ތޮށި މަށާށެވެ. އަދި ފެންފޮދަކުން ދޮންނަން ވެސް ހަނދާން ކުރާށެވެ.
ލޮނު ފެނުން ދޮވުން
ލޮނު ފެނުން ވެސް މޭވާ އާއި ތަރުކާރީ ދޮވެވިދާނެ އެވެ. އެގޮތުން ތަށްޓަކަށް ފެން އެޅުމަށް ފަހު ލޮނުކޮޅެއް ފެނާ އެއްކޮށްލާށެވެ. އަދި އެއަށް ފަހު ތަރުކާރީ އާއި މޭވާ އެ ފެންކޮޅުން ދޮންނާށެވެ. އެއަށް ފަހު ރީތި ސާފު ފެންކޮޅަކުން ވެސް ދޮވެލާށެވެ.
ވިނެގާ ބޭނުން ކުރުން
ފެންކޮޅަކަށް ވިނެގާ ސަމްސަލެއް އެއްކޮށްލާށެވެ. އަދި މޭވާ އާއި ތަރުކާރީކޮޅު އެ ފެންކޮޅުން ދޮވެލާށެވެ. އެއަށް ފަހު ރީތި ފެންފޮދަކުން ވެސް ދޮވެލާށެވެ. އޭގެ ސަބަބުން މޭވާ އާއި ތަރުކާރީގެ ތޮށިގަނޑުގައި ހުންނަ ތަފާތު ވައްތަރުތަކުގެ ކެމިކަލްތައް ސާފުވެގެންދާނެ އެވެ.
ތާފަނާ ފެނަށް ލުން
ތާފަނާ ފެންފޮދެއްގައި ތަރުކާރީ ނުވަތަ މޭވާކޮޅު އެއްގަޑިއިރާ ހަތަރު ގަޑިއިރާ ދެމެދުގެ ވަގުތުކޮޅަކަށް ބަހައްޓާށެވެ. މިކަމުގައި ސަމާލުވާންވީ މާ ހޫނު ފެން ބޭނުން ނުކުރުމަށެވެ.