އިންސާނާ ދިރިހުރުމަށް ޓަކައި ފެނަކީ ކޮންމެހެން ބޭނުންތެރި އެއްޗެކެވެ. އަދި ހަމައެހެންމެ ފެނަކީ ހަށިގަނޑަށް ގިނަ ފައިދާތަކެއް ލިބޭ ބަލިތަކުން ރައްކާތެރިކޮށްދޭ އެއްޗެއްވެސްމެ އެވެ.
ނަމަވެސް ފެން ބުއިމުގައި އަހަރުރެންނަށް ގަބޫލު ކުރެވިފައި އޮންނަ ކުށްހީތަކެއް ހުރެ އެވެ.. ފެންބޮވެނީ ކިހިނެއްކަން ކޮން ވަގުތުތަކެއްގައި ކިހާ މިންވަރަކަށް ކަން އެނގެން ޖެހެ އެވެ. ފެންބުއިމަށް ވަކި އުސޫލުތަކެއް ގެންގުޅުމަކީ މުހިންމު ކަމެކެވެ. ހަމަ އެހެންމެ ފެން ބުއިމަށް ރަނގަޅު ގަޑިތަކަކާއި ގޮތްތަކެއް ވެސް ހުރެ އެވެ.
ނިދާ ހޭލުމަށް ފަހު ގިނައިން ފެން ބުއިން
ނިދާ ހޭލުމަށް ފަހު ގިނައިން ފެންބުއިމަކީ ބަރުދަބަން ލުއިވާ ކަމެއްގެ ގޮތުގައި އެންމެންވެސް އެވާހަކަ ދައްކަ އެވެ. އަދި ބައެއް މީހުން ގަބޫލު ކުރާ ގޮތުން ނިދާ ހޭލައިގެން ދެ ލީޓަރުގެ ފެން ބޯން ޖެހެ އެވެ. ހެނދުނު އެހާ ގިނައިން ފެން ބުއިމުން ބަނޑުގައި ގޭސް ހެދުމުގެ އިތުރުން ގޮހޮރުގެ މައްސަލަތައް ވެސް ކުރިމަތިވެ އެވެ. ނިދާ ހޭލުމަށް ފަހު ފިނިނުކޮށް އެއްތަށި ފެން ބުއިން ރަނގަޅުވާނެ އެވެ.
ނިދުމުގެ ކުރިން މާގިނައިން ފެން ނުބުއިން
ނިދުމުގެ ކުރިން މާގިނައިން ފެންބުއިމަކީ ނިދުމަށް އުނދަގޫވާނެ ކަމެކެެވެ. އެގޮތުން މާގިނައިން ކުޑަކަމުދާގޮތް ދިމާވުމުން ހަމަނިދި ނުލިބުން ފަދަ ކަންކަން ދިމާވެ އެވެ. އެހެންކަމުން ނިދުމުގެ ކުރިން ވެސް މާގިނައިން ފެން ބުއިމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި އެއްތަށި ފެން ބޯލާށެވެ. އޭރުން ސްޓްރޯކް ޖެހުމާއި ހިތުގެ ބަލިން ވެސް ދިފާއުވުމަށް އެހީއަކަށްވާނެ އެވެ.
ކަމުން ފެން ބުއިން
ކާ ގަޑގައި ހާއްސަކޮށް ފިނިފެން ބުއިމަކީ ރަނގަޅުކަމެއް ނޫނެވެ. ކާއިރު ފެން ބޯން އާދަވެފައި ވާނަމަ އެންމެ ގިނަ ވެގެންވެސް 150 މިލިލިޓަރުގެ ފެން ބުއިމަށް ސިއްހީ މާޙިރުން ލަފާދެއްވަ އެވެ. އޭރުން ކާއެޗެހި ދިރުވުމަށް އެހީއަކަށް ވާނެ އެވެ. ނަމަވެސް މާގިނައިން ފެން ބޮއިފިނަމަ ނުމާ އަވަހަށް ބަނޑު ފުރި މިންހެޔާ ވަރަށް ނުކެވުމަށް މެދުވެރިވެ އެވެ.
ކޮންމެ ދުވަހަކު 8 ތަށި ފެން ބުއިން
ކޮންމެ ދުވަހަކު 8 ތަށި ފެންބުއިމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ބުނެ އެވެ. ނަމަވެސް ފެން ބުއިމުގެ މިންގަނޑަކީ މީހާގެ ހަށިގަނޑުގެ ނިސްބަތަށް ބަލައި ކަނޑައަޅަން ޖެހޭ ކަމެކެވެ. ބުރަ މަސައްކަތެއްގައި ނޫޅޭ ނަމަ އެންމެ ރަނގަޅު ގޮތަކީ ދެގަޑިން ދެގަޑިން ފެން ބުއިމެވެ. ކޮންމެ ފަހަރަކުވެސް އެއްތަށި ފެން ބުއިން ރަނގަޅުވާނެ އެވެ.
ބަނޑު ފުރެންދެން ފެން ބުއިން
މާބޮޑަށް ބަރުދަން އިތުރުވެ ފަލަވާ ނަމަ ގިނައިން ފެންބޮއިގެން ބަނޑު ފުރާލުމަކީ އާންމުކޮށް މީހުން ކުރާ ކަމެކެވެ. ނަމަވެސް އެއްފަހަރާއި ބަނޑު ފުރޭވަރަށް ފެންބުއިމަކީ ހަށިގަނޑަށް ގެއްލުން ހުރި ކަމެކެވެ. އެހެންކަމުން ފެން ބޯންވާނީ ފުދޭ މިންވަރަށެވެ. އަދި އެއީ ހަށިގަނޑަށް ބޭނުންވާ ކާނާވެސް ކެއުމަށް ފަހު އެވެ.