ދުނިޔޭގައި އެކި ކަހަލަ ބަލިތައް ހުރެ އެވެ. ބައެއް ބަލިތަކަކީ ޖިސްމާނީ ގޮތުން މީހާއަށް ގިނަ ބަދަލުތަކެއް ގެނުވާ ބަލިތަކަކަށް ވާއިރު ބައެއް ބަލިތަކަކީ ނަފްސާނީ ގޮތުން މީހާއަށް ވަރަށް ބޮޑު އަސަރެއް ކުރުވާ ބަލިތަކެކެވެ.

އުމުރުން 32 އަހަރުގެ ވެރޮނިކާއަކީ ވެސް މިފަދަ އަންހެނެކެވެ. އެއީ އޭނާއަށް ކުރިމަތިވެފައިވާ ހަނދާން ނެތުމުގެ ބަލި ނުވަތަ "ޝޯޓް ޓާމް މެމޮރީ ލޮސް ޑިޒީސް" ގެ ސަބަބުން އޭނާގެ ދިރިއުޅުން އެފުށް މިފުށަށް ޖެހުނު އަންހެނެކެވެ.

ވެރޯނިކާ އޭނާގެ މަންމައާއެކު

ވެރޯނިކާ އޭނާގެ ފިރިމީހާއާ ކައިވެނި ކުރީ މީގެ އަހަރުތަކެއް ކުރިންނެވެ. އުފަލުގައި އުޅެމުން އައި ދިރިއުޅުން ހުއްޓުމަކަށް އައީ ވެރޯނިކާއަށް ހަނދާން ނެތޭ ބަލި ޖެހުނު ހިސާބުންނެވެ.

މި ބަލީގައި ކުޑައިރުކޮޅެއް ކުރިން ވާ ކަންތައްތައް ވެސް ހަނދާން ނެތޭއިރު އެކަމުގެ ސަބަބުން އޭނާގެ ދިރިއުޅުމަށް ގިނަ ގޮންޖެހުން ތަކެއް ކުރިމަތިވެ އެވެ. ނަތީޖާއަކަށްވީ މިކަން ތަހައްމަލު ނުކުރެވި އޭނާގެ ފިރިމީހާ ވެސް ކައިވެނި ރޫޅާލުމަށްފަހު އޭނާ ދޫކޮށް ދިއުމެވެ.

ވެރޯނިކާއާއި އޭނާގެ ކުރީގެ ފިރިމީހާ

ވެރޯނިކާގެ ބަލީގެ ސަބަބުން އޭނާގެ ހަޔާތުގެ މި ހަގީގަތް ކޮންމެ ދުވަހަކު ވެސް ހަނދާން ނެތެ އެވެ. ކޮންމެ ދުވަހަކު ވެސް ވެރޯނިކާ އޭނާގެ ފިރިމީހާ އޮފީހުން އާދޭތޯ އިންތިޒާރު ކުރެ އެވެ.

ނަމަވެސް ފިރިމީހާ އެނބުރި ނާންނާނެކަން އޭނާގެ މަންމަ ހަނދާން ކޮށްދޭ ކޮންމެ ފަހަރަކު ވަރަށް އަސަރާއެކު އޭނާ ރޮއެ ހަދަ އެވެ. އެކަން އެނގުނީ ފުރަތަމަ ފަހަރަށް ހެން ހީވާ ފަދައިންނެވެ.

ވެރޯނިކާ: އޭނާގެ ކައިވެނި ރޫޅިއްޖެކަން އެނގޭ ކޮންމެ ފަހަރަކު އޭނާއަށް ރޮވޭ

ވެރޯނިކާ އޭނާގެ ބަލިން ރަނގަޅު ވުމަށް މީގެ ކުރިން އޮޕަރޭޝަނެއް ކޮށްފައިވީ ނަމަވެސް އެ އޮޕަރޭޝަން ވަނީ ނާކާމިޔާބު ވެފަ އެވެ. ފަރުވާއެއް ހޯދިފައިނުވާ އެ ބަލިން ރަނގަޅުވެ އޭނާގެ ހަނދާންތައް އެނބުރި އަންނާނެ ކަމަށް ޑޮކްޓަރުން ލަފައެއް ނުކުރެ އެވެ،

މިވަގުތު ވެރޯނިކާއަށް އެންމެ ފައިދާ ބޮޑީ ފިޒިއޮތެރަޕީއާއި ކައުންސެލިންއިން ކަމަށް ވާތީ އޭނާއަށް ދަނީ މިފަދަ ސެޝަންތައް ނަގައިދެމުންނެވެ.