އިންޑިޔާގެ މަޝްހޫރު ނެށުންތެރިޔާ، ކޮރިއޯގްރާފަރު އަދި ޑައިރެކްޓަރު ރެމޯ ޑިސޫޒާގެ ޅިޔަނު ޖޭސަން ސޭވިއޯ ވޮޓްކިންސް އަމިއްލައަށް ދަންޖެހިގެން މަރުވެއްޖެ އެވެ.

އިންޑިޔާގެ އަންދޭރީ ވެސްޓް، ޔަމުނާ ނަގަރުގައި އޭނާ ދިރިއުޅޭ ގެ ހުންނައިރު، އިންޑިޔާގެ ނޫސްތަކަށް މައުލޫމާތު ދެމުން މުމްބާއީ ޕޮލިސް ބުނީ ޖޭސަން ފެނިފައި ވަނީ އޭނާގެ ގޭގައި ދަންޖެހިގެން މަރުވެފައި އޮއްވާ ކަމަށެވެ. އަދި އޭނާ ވަގުތުން ކޫޕާ ހޮސްޕިޓަލަށް ގެންދިޔަކަމަށާއި، އެތަނުން އޭނާ މަރުވެފައިވާކަން ފުލުހުންނަށް ކަށަވަރުކޮށްދިން ކަމަށް މުމްބާއި ފުލުހުން ވަނީ ބުނެފަ އެވެ.

އުމުރުން 48 އަހަރުގައި އޭނާ މަރުވާން ޖެހުނު ސަބަބު މިހާތަނަށް ނޭނގޭއިރު، އޭނާ މަރުވި އިރު ސުސައިޑް ނޯޓެއް ވެސް ލިޔެފައި ނުވާކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލައާއި ގުޅިގެން ޖޭސަންގެ އާއިލާއިން ބުނީ ޖޭސަންގެ މަންމަ މަރުވުމާއި ގުޅިގެން ފާއިތުވި ދުވަސްތަކުގައި އޭނާއަށް ވަރަށް ބޮޑަށް އެކަމުގެ އަސަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާ ދިޔައީ ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުން ކަމަށް ވެސް އާއިލާއިން ބުނެފައިވެ އެވެ.

ޖޭސަންގެ މަރާ ގުޅިގެން ރެމޯގެ އަންހެނުންނަށް ވަރަށް ބޮޑު އަސަރެއް ކޮށްފައިވާ ކަމަށް އޭނާގެ އިންސްޓަގްރާމްގައި ބުނެފައިވެ އެވެ.

އޭނާ ބުނީ އަމިއްލަ ފުރާނަ ނަގާލި ކަމަށްޓަކައި ދުވަހަކުވެސް އޭނާގެ ބޭބެއަށް މައާފު ނުކުރާނެ ކަމަށެވެ.