ހުޅުމާލޭގައި ފެރީ ޓާމިނަލް ހުންނަ ސަރަހައްދު ތޮށިގަނޑުން ބޭރަށް ސައިކަލެއް ވައްޓާލި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ފިރިހެނަކު އެ ސައިކަލު ދުއްވާފައި ގޮސް، އޭގެން ފައިބާ ހުޅުމާލެ ފެރީ ޓާމިނަލް ކައިރީ ފަޅުތެރެ އަށް ސައިކަލު ވައްޓާލާތައް ފެނިގެންދެ އެވެ.
އެ ވީޑިއޯގެ މަންޒަރު ނުސާފު ކަމުން އެ ސައިކަލުގެ ނަންބަރު ސާފެއް ނުވެއެވެ. އަދި އެކަން ކުރާ މީހާގެ މޫނު ވެސް ސާފުކޮށް ނުފެނެ އެވެ.
މިކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިސަލު ވިދާޅުވީ މެރިން ޕޮލިސް އާއި އެޗްޑީސީ ގުޅިގެން މިހާރު އެ ސައިކަލު ނަގާފައިވާ ކަމަށާއި އެމައްސަލަ ބަލަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް އެ ސައިކަލާ ބެހޭ އިތުރު މައުލުމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
މި މައްސަލަ ފުލުހުން ބަލަމުން އަންނަ ކަމަށް ބުނެފައިވާއިރު، މި ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވުން ގިނަ ބަޔަކު އަންނަނީ މިކަން ތަހުގީގު ކުރަން ވެސް ގޮވާލަމުންނެވެ.