ވަގުތުން ނަތީޖާ ލިބޭ ކޯވިޑް ޓެސްޓް ހެދުމަށް ވަކި ސަރަހައްދުތަކެއް ހަމަޖައްސައިފި އެވެ.

އެޗްޕީއޭއިން ބުނީ އެންޓިޖެން ޓެސްޓް ނުވަތަ ވަގުތުން ނަތީޖާ ލިބޭ ޓެސްޓްތައް ހަދަން ފަށާފައި ވަނީ މާލޭގެ ބައެއް ސާމްޕަލް ސެންޓަރުތަކުން ކަމަށެވެ.

ވަގުތުން ނަތީޖާ ލިބޭ ޓެސްޓްތައް ހަދަމުން ދަނީ ސޯޝަލް ސެންޓަރާއި ސެނަހިޔާގަ އެވެ. އަދި ހުޅުމާލެ ރުއްގަނޑު 1، ސަރަޙައްދުގައި ގާއިމުކޮށްފައިވާ ސާމްޕަލް ސެންޓަރުގައި ވެސް އެންޓިޖެންޓް ޓެސްޓު ހަދަން ފަށާފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

މާދަމާ ފޭސް-2 ގައިވެސް އިތުރު ސެންޓަރެއް ހެދުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މާލޭގައި ވެސް އިތުރު ދެ ސެންޓަރަކުން އެންޓިޖެން ޓެސްޓު ހެދޭނެ އިންތިޒާމް ހަމަޖައްސާނެ އެވެ.

ވަގުތުން ނަތީޖާ ލިބޭ އެންޓިޖެން ޓެސްޓު ހަދަނީ، ސާމްޕަލް ނަގަން އަންނައިރު އެމީހެއްގެ ކިބައިން ބަލީގެ އަލާމާތްތައް ފެންނަން ހުންނަ މީހުންގެ އެކަންޏެވެ.

މި ޓެސްޓަކީ 15 މިނެޓުން ނަތީޖާ ލިބޭ ޓެސްޓެކެވެ. ކުޑަ ޓެސްޓު ކިޓެއް ބޭނުންކޮށްގެން މި ޓެސްޓު ހަދަނީ، ކިޓްގައި އޮންނަ ކަފަބޫރަކުން ނޭފަތުން ނަގާ ސާމްޕަލުންނެވެ. ނުވަތަ ކެއްސާފައި ޖަހާ ކުޅުގެ ސާމްޕަލުންނެވެ.

މި ޓެސްޓަކީ ސާމްޕަލް، ލެބަށް ފޮނުވަންނުޖެހި ތިބިތާ ތިބެގެން ބަގުތުން ހެދޭ ޓެސްޓެކެވެ.

މި ޓެސްޓު ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގައި އަންނަނީ ހަދަމުންނެވެ. ރާއްޖޭގައި މި ޓެސްޓު މާލެ ސަރަހައްދުގައި ހަދަން ފަށާފައިވާއިރު، އަތޮޅުތަކުގެ ރަށްރަށުގައިވެސް ހަދަމުން އަންނަކަމަށް އެޗްޕީއޭއިން ބުންޏެވެ.