އީރާނުގެ ސަރުކާރު ވައްޓާލުމަށް ހަނގުރާމައެއްގެ ތެރެއިން ރޭވި ރޭވުންތަކެއް ނާކާމިޔާބުވުމާ ގުޅިގެން، އިޒްރޭލުގެ ޖާސޫސީ އިދާރާ، މޮސާޑުގެ އިސް ދެ އޮފިޝަލަކު މަގާމުން ވަކިކޮށްފި އެވެ.
އިޒްރޭލުގެ ޗެނަލް 12 އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މޮސާޑުގެ ވެރިޔާ ރޯމަން ގޮފްމަން މި ދެ އޮފިޝަލުން މަގާމުން ވަކިކުރީ އީރާނުގެ ވެރިކަން ބަދަލުކުރުމަށް އެމެރިކާއާ ގުޅިގެން އެކުލަވާލި "ޕްލޭން"އަށް އަމަލީ ސިފައެއް ނުގެނެވުމާ ގުޅިގެންނެވެ. މަގާމުން ވަކިކުރި ދެ އޮފިޝަލުންގެ ތެރޭގައި ހިމެނެނީ މޮސާޑުގެ އިންޓެލިޖެންސް ޑައިރެކްޓަރޭޓުގެ ވެރިޔާ އާއި އެ އިދާރާގެ އީރާން ޑިވިޝަންގެ ވެރިޔާ އެވެ. މީގެ ތެރެއިން އިންޓެލިޖެންސް ވެރިޔާއަކީ އެ މަގާމަށް އައްޔަންކުރިތާ އަދި އަހަރެއްވެސް ނުވާ ބޭފުޅެކެވެ.
މި ރޭވުމަކީ އިޒްރޭލާއި އެމެރިކާ ގުޅިގެން، ވައިގެ މަގުން ދޭ ހަމަލާތަކުގެ ނިވާފަތްގަނޑުގައި އީރާނުގެ އެތެރޭގެ އިދިކޮޅު ޖަމާއަތްތައް މެދުވެރިކޮށް ސަރުކާރު ވައްޓާލުމަށް އެކުލަވާލި ރޭވުމެކެވެ. މީގެ އިތުރުން، އީރާނުގެ ލީޑަޝިޕް ބަދަލުކުރުމަށްފަހު ދެން ކަންކަން ކުރާނެ ގޮތުގެ ތަފްސީލީ މަޝްވަރާތައް ވެސް އެމެރިކާގެ އޮފިޝަލުންނާ އެކު ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް، މި މަސައްކަތް އެންމެ ކުރީ މަރުހަލާގައި ހުއްޓުމަކަށް އައުމުން، މޮސާޑުގެ ލީޑަޝިޕުން ވަނީ މިކަމުގެ ޒިންމާ އެ ދެ އޮފިޝަލުންގެ ބޮލުގައި އަޅުވައި ފިޔަވަޅު އަޅާފަ އެވެ.
މި މައްސަލައިގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މީގެ ކުރިން ވިދާޅުވެފައިވަނީ، އީރާނުގެ ސަރުކާރު ވައްޓާލުމަކީ އުނދަގޫ ކަމެއް ކަމަށާއި އެކަން ކާމިޔާބުވާނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށެވެ.
މިދިޔަ ފެބްރުއަރީ މަހު އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ނުރައްކާތެރި ހަމަލާތަކުގައި 3،000 އަށްވުރެ ގިނަ މީހުން މަރުވެ، އީރާނުގެ ސްޕްރީމް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވަނީ އަވަހާރަކޮށްލާފަ އެވެ. އޭގެ ފަހުން ދެ ގައުމުގެ ދެމެދުގައި ހަމަލާ ބަދަލުކުރުންތައް އިތުރުވެ، ސަރަހައްދީ މަސްރަހު ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. ހަމަލާތައް ހުއްޓާލުމަށް މަޝްވަރާތަކެއް ކުރެވުނު ނަމަވެސް، ހޮރްމޫޒް ކަނޑުއޮޅީގެ ސަލާމަތީ ކަންކަމާ މެދު އުފެދުނު ހިޔާލުތަފާތުވުންތަކާ ހުރެ އެ މަޝްވަރާތައް މިހާރު ވަނީ މެދުކެނޑިފަ އެވެ.
ބައްޕަގެ ބިރު: ޔޫސުފް ޚާން ދިލިޕް ކުމާރަށް ބަދަލުވި ގޮތް!
ގައުމު ހަލަބޮލި ކުރުމަށް އުޅޭތީ ފާރަވެރިވާންޖެހޭ: ރައީސް މުއިއްޒު
ނިދި ހަމަ ކުރިޔަސް ވަރުބަލި ވަނީތަ؟ ސަބަބަކީ މިއީ ކަމަށް ވެދާނެ!
