ރާއްޖެއިން ވެސް ފަސޭހަކަމާއެކު ލިބެން ހުންނަ މުރަނގަ ފަތް އަހަރުމެން ގިނައިން ކައި އުޅެނީ އޭގެ އެންމެ ރަނގަޅު ގޮތުގައެއް ނޫނެވެ. ތެލުލައިގެން ތެލުލި ފަތުގެ ގޮތުގައި އާއްމު ކޮށް ބޭނުން ކުރެވޭ މުރަނގަ ފަތަކީ ރޮލަށް ކައިފި ނަމަ އެއިން ލިބޭ ފައިދާތައް ދެގުނަ ވާ ސިއްހަތަށް ރަނގަޅު ކެއުމެކެވެ.

ފާރުތައް ފަސޭހަވުން އަވަސް ކޮށްދޭ

މުރަނގަ ފަތުގައި ހުންނަ ބްލަޑް ކްލޮޓިން އަސަރުގެ ސަބަބުން ފާރުތައް ފަސޭހަވެ ރަނގަޅުވާން މަގުފަހި ކޮށްދެ އެވެ. މުރަނގަ ފަތް ކެއުމުގެ އިތުރުން ފުނޑައިގެން ފާރުތަކުގައި އުނގުޅުމަކީ ވެސް ފާރުތައް އަވަހަށް ފަސޭހަ ވާނެ ކަމެކެވެ.

އިންފްލެމޭޝަން ތަކުން ދުރު ކޮށްދޭ

އިންފްލެމޭޝަންތަކަކީ ރޯގަތަކާއި، ޢާންމުކޮށް ޖެހޭ ބަލިތަކަށް މަގުފަހި ކުރުވާ އެންމެ މައިގަނޑު އެއް ސަބަބެވެ. މުރަނގަފަތަކީ އިންފްލެމޭޝަންތަކުން ދުރުކޮށްދޭ މާއްދާތައް އޭގައި އެކުލެވިގެންވާ ފަތެކެވެ.

ހަކުރުބަލިން ދުރު ކޮށްދޭ

މުރަނގަފަތަކީ ގުލްކޯޒް އާއި ލިޕިޑް މަދު ކޮށްދިނުމަށް އެހީވެދޭ މާއްދާތައް އޭގައި އެކުލެވިގެންވާ ކާނާ އެކެވެ. ދިރާސާތަކުން ދެއްކާ ގޮތުގައި ގަވާއިދުން މުރަނގަފަތް ކާ މީހުންގެ ލޭގައި ހަކުރު ހުންނަ މިންވަރު މަދު ކޮށްދެ އެވެ. މީގެ އިތުރުން ވެސް މުރަނގަ ފަތަކީ ހަށިގަނޑުގެ ސެލްތައް ހަލާކު ވުން ލަސްކޮށްދޭ ބާވަތެކެވެ.

ހިތުގެ ބަލިތަކުން ދުރު ކޮށްދޭ

މުރަނގަ ފަތުގައިވާ ކޮލެސްޓްރޯލް މަދުކޮށްދިނުމާއި، ލޭ ގަނޑުވުމުން ދުރުކޮށްދޭ ގާބިލްކަމުގެ ސަބަބުން ލޭ ދައުރުވުމުގެ ނިޒާމު ރަނގަޅަށް ކުރިއަށް ދިޔުމަށް އެޅޭ ހުރަސްތައް ނައްތާލަ އެވެ. ނަތީޖާއަކީ ހިތުގެ ބަލިތަކުން ރައްކާތެރި ވުމެވެ.

ސިކުނޑިއަށް ޖެހޭ ބަލިތަކުން ދުރު ކޮށްދޭ

ސިކުނޑީގެ ބަލިތައް ކަމަށްވާ އަލްޒައިމާސް އާއި ހަނދާން ނެތޭ ބަލި ތަކަކީ ގަވާއިދުން ރޯ މުރަނގަ ފަތް ކާ މީހުންނާ ދުރު ބަލިތަކަކަށް ވާނެ އެވެ. މުރަނގަ ފަތުގައި އެކުލެވޭ ގިނަ އަދަދެއްގެ އެންޓި އޮކްސިޑެންޓްތަކުގެ ސަބަބުން މީހާގެ ނަފްސާނީ ސިއްހަތު ދުޅަހެޔޮކަންމަތީ ބަހައްޓައިދީ ސިކުނޑީގެ ގިނަ ބަލި ތަކުން ދުރު ކޮށްދިނުމަށް އެހީވެދެ އެވެ.