އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކޮށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތް ބާއްވާނީ ކޮވިޑް ހާލަތު ރަގަޅުވުން ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.

މަހްލޫފްގެ މައްސަލައިގެ އަޑުއެހުން އެންމެފަހުން ތާވަލުކޮށްފައިވަނީ މިމަހުގެ 19 ވަނަ ދުވަހު އެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ އިދާރީ ސަބަބަކާހުރެ، އެމައްސަލަ ކެންސަލް ކޮށްފަ އެވެ.

މިނިސްޓަރު މަހުލޫފުގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ މައްސަލާގެ ޝަރީއަތްތައް ތާވަލު ކުރުމާއި ގުޅޭގޮތުން ކްރިމިނަލް ކޯޓުން ބުނީ، މައްސަލަ ކުރިޔަށް ގެންދެވެން އޮތީ މައްސަލާގައި ހިމެނޭ ހުރިހާ ފަރާތްތައް ކޯޓަށް ހާޒިރުވެގެން ކަމަށާއި، އެހެންކަމުން ކޮވިޑު-19 ގެ ހާލަތު ރަނގަޅުވުމުން މައްސަލަ ޝެޑިއުލް ކުރާނެ ކަމަށެވެ.

ކޮވިޑާ ގުޅިގެން މިނިސްޓަރު މަހްލޫފްގެ ޝަރީއަތްތައް ފަސްކުރި ނަމަވެސް އެކޯޓުގައި ކުރިއަށްދާ އެހެން ޝަރީއަތްތައް ބާއްވަމުން އަންނަކަން ފާހަގަ ކޮށްލެވެ އެވެ. އަދި މިހާރު ގިނަ ޝަރީއަތްތައް ކްރިމިނަލް ކޯޓުގައި ވެސް ކުރިއަށް ގެންދަނީ އޮންލައިންކޮށެވެ.

ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން މިދިޔަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު ރިޝްވަތުގެ ދައުވާ މަހުލޫފުގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ އޭނާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރުކަމުގައި ހުންނެވިއިރު، އޮގަސްޓް 27، 2014 ވަނަ ދުވަހު ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި، ރިޝްވަތު ހިފި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގަ އެވެ.

މަހުލޫފަށް ރިޝްވަތުގެ ފައިސާ ދިނީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު އަބްދުލް ޣަފޫރު ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.

އޭސީސީން މީގެ ކުރިން ބުނެފައި ވަނީ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކުން މަހުލޫފަށް ދިން 33،000 އެމެރިކާ ޑޮލަރު، އޭނާގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަށް ސެޕްޓެމްބަރު 1، 2014 ވަނަ ދުވަހު ޖަމާކޮށް ރިޝްވަތު ހިފާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

މަހްލޫފްގެ މައްޗަށް ދައުލަތުން ދައުވާ ކޮށްފައި ވަނީ ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެމާއްދާގެ (ށ) ގެ ދަށުންނެވެ. އެމައްސަލާގައި ހެކި ހޯދުމާއި މައްސަލައިގެ ތަހުގީގުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާ މައްސަލަތަކެއް މަހުލޫފްގެ ފަރާތުން ވަނީ ފާހަގަކޮށްފަ އެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ދައުލަތުން އުފުލާފައިވާއިރު އަދިވެސް އޭނާއާއި މެދު ސަރުކާރުން އެއްވެސް ފިޔަވަޅެއް ނާޅާތީ ގިނަ ބަޔެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.

ކޮވިޑް ހާލަތު ގޯސްވެގެން މިނިސްޓަރު މަހުލޫފުގެ ޝަރީއަތް ކްރިމިނަލް ކޯޓުން ފަސްކޮށްފައިވާއިރު އަންނަ މަހު ފަސް ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ކެމްޕެއިންނަށް މަހުލޫފު ވަނީ އެ ދާއިރާގެ ގިނަ ރަށްތަކަކަށް ވަޑައިގެންފަ އެވެ.