މާލެ ސިޓީގެ ޓީޖެޓީއާއި އާއި މާލޭ ނޯތު ހާބަރުން ލިބޭ އާމްދަނީގެ އެއްބައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ގޮތަށް ހަމަޖެއްސެވުމަށް ރައީސް އޮފީހުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް އަންގަވައިފި އެވެ.

ޓީޖެޓީ އާއި މާލެ ނޯޓު ހާބަރު މައްސަލާގައި މިމަހުގެ 17 ވަނަ ދުވަހު ރައީސް އޮފީހުން އެމްޕީއެލްއަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ އެ ދެ ބަނދަރު ލިބޭ އާމްދަނީއިން ބައެއް ސިޓީ ކައުންސިލަށް ހަމަޖައްސައިދުމަށް އެދޭ ކަމަށެވެ.

އެމްޕީއެލްގެ ބެލުމުގައި މިހާރު އޮތް މާލެ ނޯތު ހާބަރާއި، ޓީ ޖެޓީން ލިބޭ އާމްދަނީ މާލެ ސިޓީ ކައުންސިލާއި އެމްޕީއެލް ދެމެދު ހިއްސާ ކުރެވޭނެ މޮޑެލްއެއް ތައްޔާރުކޮށް ރައީސް އޮފީހާއި ހިއްސާ ކޮށްދިނުމަށްވެސް އެސީޓިގައި ވަނީ އެދިފަ އެވެ. އެހެންކަމުން އެމްޕީއެލްއަށް ގެއްލުން ނުވާނޭ ގޮތަށް މިކަން ކުރުމަށް އިންތިޒާމުތައް ހަމަޖައްސާނެ ކަމަށް އެމްޕީއެލްއިން ބުނެ އެވެ.

އަދި މިކަމާއި ގުޅިގެން މާލެ ސިޓީ ކައުންސިލާއި ބައްދަލުކޮށް މަޝްވަރާކުރުމަށް އެމްޕީއެލުން އެދިފައިވާކަމަށް އެމްޕީއެލްއިން ހާމަކުރެ އެވެ.

ޓީ ޖެޓީ އަދި ނޯތު ހާބަރަކީ މާލެ ސިޓީ ކައުންސިލުގެ އިހުތިޞާސުގެ ތެރޭގައި އޮތް ދެ ބަނދަރު ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެ އެވެ. އަދި އެ ތަންތަން ހަވާލުކުރުމަށް އެދުމުން އެމްޕީއެލުން ވަނީ އެކަމާއި ދެކޮޅު ހަދާފަ އެވެ. އެކަމާއި ގުޅިގެން ސިޓީ ކައުންސިލުން ވަނީ ކޯޓަށް އެ މައްސަލަ ހުށަހަޅާފަ އެވެ.

މާލޭ ސިޓީ ކައުންސިލާއި އެމްޕީއެލްއާއި ދެމެދު ކުރެވޭ މަޝްވަރާތަކަށް ފަހު، ދެ ފަރާތުގެ މެދުގައި އާމްދަނީ ބަހާނެ ގޮތެއް ނިންމައި، އެކަމާއި ގުޅޭ ޕްރޮޕޯސަލް ސަރުކާރުގެ އިކޮނޮމިކް ކައުންސިލަށް ހުށަހަޅުމަށް ވަނީ ހަމަޖެހިފަ އެވެ.