މިދިޔަ އަހަރުގެ އޭޕްރީލު 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް އަންހެނަކު ވެއްޓިފައި އޮއްވައި ވެއްޓުނު ހާދިސާގެ ތަހުގީގުގައި އިހުމާލުވި ފުލުހުންނާ މެދު ފިޔަވަޅު އަޅާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން މިއަދު ވިދާޅުވެއްޖެ އެވެ.
އެ ހާދިސާގެ ތަހުގީގުގައި ފުލުހުންގެ މުއައްސަސާއިން ފަރުވާކުޑަކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ރިޔާސީ ކޮމިޝަނުން ފާހަގަކޮށް، ފިޔަވަޅު އެޅުމަށް ލަފާދީފައިވާ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި މިއަދު މެންބަރަކު ވަނީ އިހްސާނާއި ސުވާލު ކުރައްވައިފަ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން އިހްސާން ވިދާޅުވީ، އެ ފުލުހުންނާ މެދު މިހާރު ފިޔަވަޅު އަޅާ ނިމިފައިވާ ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ފިޔަވަޅު އެޅުމަކީ ވަޒީފާއިން ވަކިކުރުން ނުވަތަ ސަސްޕެންޑްކުރުން އެކަނި ނޫން ކަމަށާއި، ޔުނިފޯމް މުއައްސަސާތަކުގައި އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ރީ-ޓްރެއިން ކުރުމާއި، ހުރި ޔުނިޓު ބަދަލުކުރުން އަދި އިޖުރާއީ ކަންކަން ރަނގަޅުކުރުން ފަދަ ގިނަ މިންގަނޑުތަކެއް ހިމެނެ އެވެ. ނަމަވެސް ވަކިވަކި ފުލުހުންނާ މެދު އެޅި ފިޔަވަޅުތަކުގެ ތަފްސީލު ހާމަކުރެއްވޭނީ ލިޔުމުން ކަމަށް ވެސް އޭނާ އިތުރަށް ވިދާޅުވި އެވެ.
މި ހާދިސާއާ ގުޅޭ ގޮތުން ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި ބުނެފައި ވަނީ ހައްވާ ޔުމްނު ރަޝީދު ވެއްޓުނީ ހ. ފެންޓެނޯއީ ނުވަވަނަ ފަންގިފިލާގެ ސިޑިގޮޅީގެ ކުޑަދޮރުން ނުވަތަ ޓެރަހުން ކަމަށް ބުރަވެވޭ ކަމަށެވެ. އަދި އެ ހާދިސާ ހިނގި ވަގުތު އެތަނުގައި ރައުދު އަހްމަދު ފިޔަވައި އެހެން މީހަކު ހުރިކަން އެނގެން ނެތުމުން، އަމަލީ ގޮތުން އެހެން މީހެއްގެ ބައިވެރިވުމެއް އޮތް ކަމަށް ނުފެންނަ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.
މީގެއިތުރުން ޔުމްނުގެ ހަށިގަނޑުން ފެންނަން ހުރި އަނިޔާތަކަކީ ފުރާޅުމަތީގައި ޖެހުމުގެ ސަބަބުން ލިބިފައިވާ އަނިޔާތަކެއް ކަމަށާއި، ގަދަކަމުން ވައްޓާލަން އުޅުނުކަމުގެ އެއްވެސް ނިޝާނެއް މެޑިކަލް ރެކޯޑުތަކުންނާއި ހެކީންގެ ހެކިބަހުން ފެންނަން ނެތް ކަމަށް ވެސް ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އީރާނުގެ އިންޒާރަށް ބިރުން ޓްރަމްޕް ތުރުކީން ފުރީ ކުޑަ ބޯޓެއްގައި
ޑޮލަރުގެ އަގު މައްޗަށް ދަނީ ބާޒާރުގައި ނެތުމުން: ނަޝީދު