ޖޯޖިއާ ސްޓޭޓުން ވެސް ރައީސް ޑޮނާލްޑް ޓްރަމްޕް ފަހަތަށް ޖައްސާލުމަށް ފަހު ޑިމްކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑެން ކުރި ހޯއްދަފައިފި އެވެ.

ޓްރަމްޕް ދެވަަނަ ދައުރަކަށް ހޮވުމަށް ޖޯޖިއާގެ 16 އިލެކްޓޯރަލް ވޯޓު ވަރަށް މުހިއްމެވެ. އަދި ޖޯޖިއާ އާއި ޕެންސިލްވޭނިއާ ނުލައި ޓްރަމްޕަށް 270 އިލެކްޓޯރަލް ވޯޓު ނުހޯއްދެވޭނެ އެވެ.

ޓްރަމްޕްގެ މައްޗަށް ބައިޑެން ކުރި ހޯއްދަވާފައި މިވަނީ 917 ވޯޓުގެ ތަފާތަކުންނެވެ. އަދި ގުނާ ނުނިމި ދެތިން ހާސް ވޯޓު ކަރުދާސް އެބަހުއްޓެވެ.

ޖޯޖިއާގެ 16 އިލެކްޓޯރަލް ވޯޓާއި އެކު އިންތިޙާބު ކާމިޔާބު ކުރެއްވުމަށް ބޭނުންވާ 270 އިލެކްޓޯރަލް ވޯޓު ހަމަކުރެއްވުމަށް ބައިޑެން ބޭނުންފުޅު ވާނީ އެންމެ އިލެކްޓޯރަލް ވޯޓެކެވެ.

ބައިޑެން މިހާތަނަށް ވަނީ 264 އިލެކްޓޯރަލް ވޯޓު ކާމިޔާބުކުރައްވައިފަ އެވެ.