އެމްޑީޕީ އޮފީހުގައި މާރާމާރިއެއް ހިންގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމުގެ މަންމަ، މަރިޔަމް ޒުބައިރު (މަންދީ) އަށް ހަމަލާދިން މީހާ އަނެއްކާ ވެސް ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ މ. ހަނީކޯމްބް، އަހްމަދު ޖަޒީލް އެވެ.

ޗޭނުގަނޑަކުން ޖަހައި މަންދީގެ ބޯފަޅާލި މައްސަލައިގައި އޭނާ ހައްޔަރު ކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތިންވަނަ ދުވަހު އެވެ. ނަމަވެސް ޖަޒީލްއަކީ ނަފްސާނީ ބަލިމަޑުކަމަކަށް ފަރުވާކުރަމުން ގެންދާ މީހެއް ކަމަށް ބުނެ އޭނާ ވަނީ ދޫކޮށްލާފަ އެވެ.

ޑިސެމްބަރު 30ވަނަ ދުވަހު ފުލުހުން އަނެއްކާ ވެސް ޖަޒީލް ހައްޔަރުކޮށްފައިވާއިރު، އޭނާ ހައްޔަރުކުރީ އޭނާގެ މައިންބަފައިންނަށް އިންޒާރު ދިނުމާ ގުޅިގެންނެވެ. އަދި މި މައްސަލައިގައި ގޮތެއް ނިންމުމަށް ކޯޓަށް އިއްޔެ ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށް 10 ދުވަސް ޖަހާފަ އެވެ. މިއީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރި ފަސްވަނަ ފަހަރެވެ.

ޖަޒީލްގެ މައްޗަށް މީގެ ކުރިން މަސްތުވާތަކެތި ބޭނުންކުރުމުގެ ތުހުމަތުތަކެއް ވެސް ކޮށްފައިވެ އެވެ. އޭގެ އިތުރުން އޭނާ އަށް ވަނީ މާރާމާރީއެއް ހިންގި މައްސަލައެއްގައި ވެސް ހުކުމް ކޮށްފަ އެވެ.