ސްރީލަންކާގައި ދިރިއުޅޭ 18 އަހަރުން ދަށުގެ ދިވެހި ދަރިވަރުންނަށް ވިސާ ފީ މައާފުކޮށްދިނުމަށް ދިވެހި ސަރުކާރުން ހުށަހަޅުއްވާފައިވާ ގޮތަށް ސްރީލަންކާގެ ސަރުކާރުން ނިންމަވައި ދެއްވާނެކަމަށް އުންމީދުކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ސްރީލަންކާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، އާދަމް މަޒްވަރީ ޖައުފަރު ސާދިގު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާރުގައި ރައީސް ސޯލިހު ވަނީ ސްރީލަންކާއާ ރާއްޖެއާ ދެމެދު އޮންނަ ގުޅުމުގެ މައްޗަށް އަލިއަޅުވައިލައްވަމުން ރައީސާއި ސްރީލަންކާގެ ސަފީރު ވަނީ ތަފާތު މައުލޫތަކަށް ފުޅާދާއިރާއެއްގައި މަސްވަރާކުރައްވާފަ އެވެ. މަސްވަރާކުރެއްވި ކަންކަމުގެ ތެރޭގައި އިގްތިސާދީގުޅުން ވަރުގަދަކުރުމާއި ތައުލީމު ކުރިއެރުވުމާއި އަދި ދަނޑުވެރިކަން ކުރިއެރުން ފަދަ މައުލޫތައް ހިމެނެ އެވެ.

ރާއްޖެއިން އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް ކުރާ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ސްރީލަންކާގައި ދިރިއުޅޭ 18 އަހަރުން ދަށުގެ ދިވެހި ދަރިވަރުންނަށް ވިސާ ފީ މައާފުކޮށްދިނުމަށް ދިވެހި ސަރުކާރުން ހުށަހަޅުއްވާފައިވާ ގޮތަށް ސްރީލަންކާގެ ސަރުކާރުން ނިންމަވައި ދެއްވާނެކަމަށް އުންމީދުކުރައްވާކަމުގައި ރައީސް ވިދާޅުވި އެވެ. އަދި މި ކަމަކީ ސްރީލަންކާގައި ދިރިއުޅޭ ދިވެހި އާއިލާތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމެއްކަމެއްކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް ސޯލިހާއި ސްރީލަންކާގެ ސަފީރު ވަނީ ދެ ގައުމުގައި ކޮވިޑް-19ގެ ހާލަތު މިހާރު އޮތްގޮތުގެ މައްޗަށް ވާހަކަފުޅު ދައްކަވައި، ބަލިން ދިފާއުވުމަށް ވެކްސިން ދިނުމުގެ މަސައްކަތް ކުރިޔަށްދާގޮތުގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވަނީ ފެބްރުވަރީ 4 ވަނަ ދުވަހު ފާހަގަކުރާ ސްރީލަންކާގެ 74 ވަނަ މިނިވަންދުވަހުގެ މުނާސަބާގެ ތަހުނިޔާ ވިދާޅުވެފަ އެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ މިދިޔަ 2021 ވަނަ އަހަރު އެމަނިކުފާނު ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅުގެ ހަނދާންތައް އައު ކުރައްވައި ދަތުރުފުޅުގައި ސްރީލަންކާގެ ރައީސް ގޮތާބަޔާ ރާޖަޕަކްސައާ ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭގޮތުން ބޭއްވެވި މަސްވަރާތަކަށް އަލިއަޅުވާލައްވާފަ އެވެ.

ރައީސްގެ ވާހަކަފުޅުގައި ސްރީލަންކާއަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވައި ފާއިތުރި އަހަރުތަކުގައި ސްރީލަންކާގެ ސަރުކާރުން ރާއްޖެއަށް ދިން އެއްބާރުލުމާއި އެހީތެރިކަން ސުކުރުވެރިކަމާއެކު ފާހަގަކުރެއްވި އެވެ.

ރައީސް ސޯލިހާއި ސްރީލަންކާގެ ސަފީރުގެ ވާހަކަފުޅު ނިންމަވާލެއްވީ ދެ ގައުމުގެ ގުޅުން ކުރިމަގުގައި އިތުރަށް ބަދަހިވެގެންދިއުމަށް އެދިވަޑައިގަންނަވަމުންނެވެ. ދިވެހިރާއްޖެއާ ސްރީލަންކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 26 ޖުލައި 1965ގަ އެވެ.