ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކޮށްފައިވާ ހިޔާ ފްލެޓް ލިބުނު މީހުންގެ ތެރެއިން ހިޔާ ފްލެޓް ދޫކޮށްލި 75 މީހަކު ވަނަރެސްއިން ފްލެޓް ގަތުމަށް ފޯމް ހުށަހަޅާފައިވާ ކަމަށް އެޗްޑީސީން ބުނެފި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އން ވަނީ ވިނަރެސް ފްލެޓް ގަތުމަށް ހިޔާ ފްލެޓް ލިބުނު މީހުންނަށާއި ސީލައިފް ފްލެޓްތަކަށް ލާރި ދެއްކި މީހުން އަދި ގުޅީ ފަޅުން ފްލެޓް ލިބުނު މީހުންނަށް ވަނީ ހުޅުވާލާފަ އެވެ.

އެޗްޑީސީއިން ބުނީ މި ތިން މަޝްރޫއިން ފްލެޓް ލިބުނު މީހުންގެ ތެރެއިން، ވިނަރެސްއިން ފްލެޓް ހޯދުމަށް މިހާތަނަށް 292 ފަރާތުން ފޯމް ހުށައަޅާފައިވާކަމަށެވެ. އޭގެ ތެރޭގައި ހިޔާ ފްލެޓް ތިން ކެޓަގަރީން ފްލެޓް ލިބުނު މީހުންގެ ތެރެއިން 75 މީހަކުވެސް ވިނަރެސް ފްލެޓް ގައުމަށް ފޯމް ހުށަހަޅާފައިވާ ކަމަށް އެޗްޑީސީއިން ހާމަކުރެ އެވެ.

ގުޅީފަޅުން ފްލެޓް ލިބުނު މީހުންނަށްވެސްވަނީ ސަރުކާރުގެ އެހެން ސްކީމްތަކުން ފުރުސަތު ހުޅުވާލާފަ އެވެ. އެގޮތުން ވިނަރެސްއަށް ހުލުވާލި ފުރުޞަތުގައި 96 މީހުންވަނީ، ވިނަރެސްއިން ފެލްޓް ހޯދުމަށް އެދި އެޗްޑީސީއަށް ހުށައަޅާފަ އެވެ.

ވިނަރެސްގައި ބައިވެރިވުމަށް ދެން ފުރުސަތު ހުޅުވާލީ، ސީ ލައިފް ފްލެޓް ގަތުމަށް ފައިސާ ދެއްކި މީހުންނަށެވެ. ނަމަވެސް ބޮޑެތި މައްސަލަތަކާ ގުޅިގެން މި މަޝްރޫއު ވަނީ ހުއްޓާލާފަ އެވެ. ސީ ލައިފްއިން ފްލެޓް ގަތުމަށް 344 މީހުން ފައިސާ ދައްކާފައިވެ އެވެ. ސީ ލައިފްއަށް ފައިސާ ދެއްކި މީހުންގެ ތެރެއިން 117މީހުންވަނީ ވިނަރެސްއިން ފްލެޓް ހޯދުމަށް އެދިފަ އެވެ.

ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޮމްޕެނީން ހަދަމުންދާ ވިނަރެސް އެޕާޓްމަންޓްތަކުގައި ތިން ކޮޓަރީގެ ތަނެއްގެ ބޮޑުމިނަކީ 902-883 އަކަފޫޓެވެ. ވިނަރެސް މަޝްރޫއުގައި 13 ބުރީގެ 10 ޓަވަރުގައި 1،344 ފްލެޓް ހުންނައިރު އެ ހުރިހާ އެޕާޓްމެންޓެއްގައި ވެސް ތިން ކޮޓަރިއާއި ތިން ފާހާނާ އަދި ބެލްކަންޏެއް ހުންނާނެ އެވެ.