މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ އާންމު ހިއްސާދާރުންގެ މަސްލަހަތާ ދެކޮޅަށް މެނޭޖްމަންޓުން ނިންމުންތައް ނިންމަމުންދާ ކަމަށް ބުނެ، އެ ކުންފުނީގެ ބޯޑު އޮފް ޑިރެކްޓަރުންގެ މަގާމުން އާންމު ހިއްސާދާރުން ތަމްސީލުކުރައްވާ ޑިރެކްޓަރު އަސާމީ ރުޝްދީ އިސްތިއުފާ ދެއްވައިފި އެވެ.
އެމްޓީޑީސީގެ ބޯޑަށް ފޮނުއްވި އިސްތިއުފާގެ ސިޓީގައި އަސާމީ ވިދާޅުވީ، ކުންފުނީގެ އާންމު ހިއްސާދާރުންގެ މަސްލަހަތު ހިމާޔަތްކުރުމަށް ހޮވާފައިވާ މެންބަރެއްގެ ހައިސިއްޔަތުން، އެ މަސްލަހަތުތަކާ ދެކޮޅަށް މެނޭޖްމަންޓުން ނިންމުންތައް ނިންމަމުންދާތީ އެފަދަ ބޯޑެއްގެ މެންބަރެއްގެ ގޮތުގައި އިތުރަށް ދެމިހުރުމަކީ އަމިއްލަ ނަފްސާއި ޒަމީރު ގަބޫލުކުރާ ކަމެއް ނޫން ކަމަށެވެ.
އަޔާޑާގެ މައްސަލައިގައި ބޯޑުން ނިންމި ނިންމުމާ އެއްގޮތަށް މެނޭޖްމަންޓުން އަމަލުކޮށްފައި ނުވާ ކަން އަސާމީގެ ސިޓީގައި ފާހަގަކުރައްވާފައިވެ އެވެ. އެކަމުގައި ބޯޑުން ނިންމާފައިވާ ނިންމުމާ އެއްގޮތަށް މެނޭޖްމަންޓުން އަމަލުނުކުރާ މައްސަލަ ބޯޑުގެ އެހެން ޑިރެކްޓަރުންނާއެކު މެނޭޖްމަންޓަށް ތަކުރާރުކޮށް ހުށަހެޅުމުންވެސް އެދެވޭ ޖަވާބެއް ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން ރައިޓްސް އިޝޫއަކަށް ދާން ބޯޑުން ހުއްދަ ދިން ކަމަށް ބުނެ މެނޭޖްމަންޓުން މީޑިއާގައި ހާމަކޮށްފައިވަނީ މުޅިން ތެދު މައުލޫމާތެއް ނޫން ކަމަށްވެސް އަސާމީ ވިދާޅުވިއެވެ. އެ ހުށަހެޅުމާ މުޅިން ދެކޮޅަށް ވޯޓު ދެއްވި ހަމައެކަނި އާންމު ހިއްސާދާރުންގެ ޑިރެކްޓަރަކީ އޭނާ ކަމަށް އަސާމީ ފާހަގަކުރެއްވި އެވެ.
އެ ނިންމުމަކީ އެމްޓީޑީސީގެ އާންމު ހިއްސާދާރުންގެ މަސްލަހަތަށް އުނިކަން އަންނަ ކަމެއް ކަމަށް އަސާމީ ސިޓީގައި ބަޔާންކުރެއްވި އެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ވަސީލަތްތައް އާންމު ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތުގައި ފޯރުކޮށްދިނުމުގެ ބަދަލުގައި، ހިއްސާދާރުންނަށް ލިބެންޖެހޭ މަންފާއާއި ކުރިއެރުން ގެއްލޭ ގޮތަށް ނިންމުންތައް ނިންމާ ވަސީލަތަކަށް ކުންފުނި ބަދަލުވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެން އާންމު ހިއްސާދާރުންގެ ޑިރެކްޓަރުން ޝަރުތުތަކާއެކު އެކަމަށް ހުއްދަ ދިން ނަމަވެސް، ބޯޑުން އެދުނު ކަންކަމުގެ އަޕްޑޭޓް ނުދީ އެއީ ބޯޑުން ހުއްދަ ދިން ކަމެއްގެ ގޮތުގައި އާންމުކުރުމުން އާންމުންގެ މެދުގައި ނުރަނގަޅު ތަސައްވުރެއް އުފެދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުންފުނީގެ ބޯޑަށާއި މެނޭޖްމަންޓަށް ދީފައިވާ ބާރަކީ ހިއްސާދާރުންގެ ފަރާތުން ހަވާލުކޮށްފައިވާ އަމާނާތެއް ކަމަށް އަސާމީ ވިދާޅުވިއެވެ. އެ ޒިންމާ ދޫކޮށްލުމަކީ ހަމައެކަނި ވިޔަފާރީގެ ނިންމުމެއް ނޫން ކަމަށާއި، އެއީ ކުންފުންޏާއި ހިއްސާދާރުންނާ ދެމެދު އޮތް އިތުބާރު ނަގާލުން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ކުންފުނީގެ ދެފުށް ފެންނަ އުސޫލުތަކާއި ކޯޕަރޭޓް ގަވަރނަންސްގެ ހަމަތަކުގެ މަތިން، ހިއްސާދާރުން ސުވާލުކުރާ ހާލަތެއްގައި އޭނާ ދެކޮޅަށް ވޯޓު ދެއްވި ކަން ބަޔާންކޮށްފައިވާ ޔައުމިއްޔާގެ މައުލޫމާތު ހިއްސާކޮށްދިނުމަށްވެސް އަސާމީ ވަނީ އެދިވަޑައިގެންފަ އެވެ.
އުމުރުން 45 އަހަރުގައި ކަރީނާ ތިންވަނަ ދަރިފުޅަށް ބަނޑު ބޮޑު؟
"ސްޕައިޑަ މޭން: ދަ ބްރޭންޑް ނިއު ޑޭ" 2 ބިލިއަން ޑޮލަރު ކްލަބަށް!
