ކެންސަރާއި ހިތުގެ ބަލިތަކާއި ހަކުރު ބަލިން ރައްކާތެރިވުމަށް ޗެރީ އަކީ ބޭނުންތެރި މޭވާއެއް ކަން ސައިންސްވެރިންގެ ހޯދުމަކުން ދައްކައިފި އެވެ.

އިނގިރޭސި ވިލާތުގެ ނޮތަމްބްރިއާ ޔުނިވާސިޓީން ވަނީ ޗެރީ ޖޫހުން ލިބޭ އިތުރު ފައިދާއެއް ހޯދައިފަ އެވެ. އެގޮތުން ލޭގެ ޕްރެޝަރު މަތި މީހުން 60 މިލިލީޓަރުގެ ޗެރީ ޖޫސް ބުއިމުން ތިން ގަޑިއިރު ތެރޭގައި ލޭގެ ޕްރެޝަރު ހަތް ޕަސަންޓަށް ދަށްކޮށްދޭ ކަމަށް އެ ދިރާސާއިން ވަނީ ހާމަވެފަ އެވެ.

ސްޓްރޯކާއި ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު މި ޖޫހުން ކުޑަކޮށްދެ އެވެ. އަދި ލޭގެ ޕްރެޝަރު ދަށްވެގެން ސިއްހީ ފަރުވާ ހޯދަމުން އަންނަ މީހުންނަށް މިއީ އެއްވަނައިގެ ބުއިމެއް ކަމަށް ސައިންސްޓިސްޓުން ބުނެ އެވެ.

ލޭގެ ޕްރެޝަރު މަތިވާ މީހުންނަށް ހާޓްއެޓޭކް ޖެހުމާއި ހިތް ހުއްޓުމާއި ކިޑްނީގެ ބަލިތަކާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑެވެ.

މި ދިރާސާ ކުރުމަށް ޔުނިވާސިޓީގެ ޓީމުން ވަނީ ލޭގެ ޕްރެޝަރު މަތި 15 މީހަކު ބައިވެރިކޮށްފަ އެވެ. އެގޮތުން ކޮންމެ މީހަކަށް 60 މިލިލީޓަރުގެ ޗެރީ ޖޫހާއި މޭވާ އެކުލެވޭ ޖޫހެއް ދިނެވެ. އަދި ޗެރީ ޖޫސް ބުއި މީހުންގެ ލޭގެ ޕްރެޝަރު ހަތް ޕަސަންޓަށް ދަށްވި ކަމަށް ސައިންޓިސްޓުން ވަނީ ބުނެފަ އެވެ.

މި ދިރާސާ ކުރުމުގައި އިސްކޮށް ހުންނެވި ކަރަން ކީން ވިދާޅުވީ އެކި ބަލިތައް ޖެހި މީހާ މަރުވުމުގެ އަސްލަކީ ލޭގެ ޕްރެޝަރު މަތިވުން ކަމަށެވެ. އަދި ކުޑަކުޑަ ކަމެއް ކޮށްލައިގެން މީހާގެ ފުރާނަ ސަލާމަތް ކުރުމުގެ ފުރުސަތު ދެނެގަނެވުމުން އެކަމާ ފަހުރުވެރިވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

ސައިންޓިސްޓުން ވަނީ، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ހަށިގަނޑަށް ފައިދާ ހުރި ކާނާ ކެއުމަށް ނަސޭހަތްތެރިވެފަ އެވެ. އަދި މިފަދަ ދިރާސާތަކުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް އެ ޔުނިވާސިޓީން ވަނީ ނަސޭހަތްތެރިވެފަ އެވެ.