ކާއެއްޗެހި ތައްޔާރުކުރާއިރު ބޭނުންކުރާ ގިނަ ބާވަތް ތަކަކީ އެއިން ކާތަކެތީގެ ރަހަ ރަނގަޅު ވުމުގެ އިތުރުންވެސް ގިނަ ބޭނުންތަކެއް ހިފޭ ބާވަތްތަކެވެ. އޭގެ ވަހުގެ ސަބަބުން ގިނަ މީހުން ބޭނުން ކުރުމަށް ފޫހިވި ނަމަވެސް ލޮނުމެދަކީ އެކި ބާވަތުގެ ރޯގާއަށް ފަރުވާއެއްކަން މިވަނީ ހޯދުންތަކުން ސާބިތުވެފަ އެވެ.

އާންމުކޮށް މަހަކު އެއްފަހަރު ކަހަލަ ގޮތަކަށް ރޯގާ ޖެހޭ މީހުންވެސް މަދެއް ނޫނެވެ. ނަމަވެސް ގިނަ މީހުން އެއީ މާ ބޮޑު ކަމެއްގެ ގޮތުގައި ނުދެކެ އެވެ.

ލޮނުމެދުގައި ހިމެނޭ އެންޓި-މައިކްރީބިއަލް، އެންޓި-ވައިރަލް އަދި އެންޓި-ފަންގަލް މާއްދާތަކުގެ ސަބަބުން އާންމުކޮށް ޖެހޭ ރޯގާތަކުން މީހާ ސަލާމަތްކޮށްދެ އެވެ. އެހެންކަމުން ވައިރަލް ހުމާއި، އަރިދަފުސްރޯގާ ފަދަ ބަލިމަޑުކަމުން އަރައިގަތުމަށް ލޮނުމެދުގެ ސަބަބުން އެހީއަކަށްވެ އެވެ.

އޭގެ އިތުރުންވެސް ލޮނުމެދުން ގިނަ ފައިދާތަކެއް ލިއްބައިދޭއިރު އޭގެ ތެރޭގައި ބޮލުން އިސްތަށި ފޭބުމާއި، ބޯ އެނބުރުމާއި ހަށިގަނޑު ލޮޑުވުން ފަދަ ކަންކަން ހިމެނޭ ކަމަށް ވެސް ދިރާސާތަކުން ދައްކަ އެވެ.

ލޮނުމެދުގައި އެކުލެވޭ ސަލްފާގެ މާއްދާތަކުގެ ސަބަބުން ލޮނުމެދުގައި އާދަޔާހިލާފު ގަދަ ވަހެއް ހުރި ނަމަވެސް، މިއީ ސިއްހީ ގޮތުން ނުހަނު ފައިދާ ލިއްބައިދޭ އެއްޗެކެވެ.

މީގެ އިތުރުން ލޮނުމެދަކީ ހިތުގެ ބަލިތަކުން ދުރުކޮށްދޭ އެއްޗެކެވެ. އެގޮތުން ލޭނާރުތައް ބެދުމާއި، ލޭ ހޮޅިތަކުގައި ކޮލެސްޓްރޯލްއާއި ފެޓް ގަނޑުވުން ފަދަ ކަންކަން ދުރުކޮށްދެ އެވެ. އަދި ލޭގެ ޕްރެޝަރު ބޭނުންވާ މިންވަރަށް ދަށްކޮށްދީ ހަކުރުބަލިންވެސް މީހާ ދުރުކޮށްދިނުމުގައި ލޮނުމެދުގައި އެކުލެވޭ މާއްދާތައް އެހީވެދެ އެވެ. އެގޮތުން ލޭގެ ޕްރެޝަރު މަތިވުމާއި، ހަކުރުބަލީގެ ސަބަބުން ދިމާވާ ހިތުގެ މައްސަލަތައް ކުޑަކޮށްދެ އެވެ.

ލޮނުމެދުގައި އެކުލެވޭ ބައޯ-އެކްޓިވް ސަލްފާ މާއްދާތަކުގެ ސަބަބުން ކެންސަރު ސެލްތަކާއި ހަނގުރާމަކޮށް، ކެންސަރުން ދިފާއުވުމަށް އެހީތެރިވެދެ އެވެ. އަދި ކެންސަރުގެ އެކި ސްޓޭޖުތަކުގައި ކެންސަރު ސެލްތަކުން ހަށިގަނޑު ދިފާއުކޮށް ދިނުމުގައި މި މާއްދާތައް އެހީވެދެ އެވެ. ގިނައިން ލޮނުމެދު ކާ މީހުންނަށް ގޮހޮރުގެ ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކޮށް ދޭކަމަށް ހޯދުންތަކުން ދައްކަ އެވެ.

ކޮންމެ ދުވަހެއްގެ ކެއުމުގައިވެސް ލޮނުމެދު ހިމަނާލުމަކީ ކުޑަ ކަމެއްގެ ގޮތުގައި ދެކުނު ނަމަވެސް އޭގެ ސަބަބުން ހަށިގަނޑަށް ނުހަނު ފައިދާ ހުރި ކަމެކެވެ.