ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެ އިން ބޭރަށް ވަޑައިގަތުމަށް ޖާމިނުވި ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ)އަށް އިއްވި ހުކުމް ތަންފީޒުކުރަން އޭނާ ހަވާލުކޮށްދޭން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ފުލުސް އޮފީހުގައި މިއަދު އެދިއްޖެ އެވެ.
އަޑުބަރޭ އަށް ކްރިމިނަލް ކޯޓުން މިއަދު 15 ދުވަހުގެ ޖަލު ހުކުމެއް އިއްވީ އޭނާގެ ޣައިރު ހާޒިރުގަ އެވެ. އޭނާ މިވަގުތު އިނގިރޭސިވިލާތުގައި ކަމަށްވެ އެވެ.
އަޑުބަރޭ އަށް ޖަލު ހުކުމެއް އައީ ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކެއް އުފުލައި ޝަރީއަތް ފަށާފައި ވަނިކޮށް އަލީ ވަހީދު ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށްދާން ޖާމިނުވުމަށް ފަހު އޭނާ ޝަރީއަތަށް ހާޒިރުކޮށްދީފައި ނުވާތީ އެވެ.
ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ އަލީ ވަހީދު ގެންނަން އަޑުބަރޭ ކުރި މަސައްކަތެއް އެނގެން ނެތް ކަމަށެވެ. އަދި 72 ގަޑިއިރުގެ ތެރޭގައި އަލީ ވަހީދު ރާއްޖެ ނުގެނައުމަކީ ކޯޓުގެ އެންގުމަކާ ޚިލާފުވެ، ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ގާޒީ ހަސަން ސައީދު ވިދާޅުވި އެވެ.
އަޑު ބަރޭގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކުރިތާ ގިނަ އިރުތަކެއް ނުވެ އޭނާ ވަނީ ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުން ވަކިކޮށްފަ އެވެ.
ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އަޑުބަރޭގެ މައްޗަށް އެ ހުކުމް އިއްވީ އޭނާގެ އައިރު ހާޒިރުގަ އެވެ. މިއަދުގެ އަޑުއެހުމަށް އައްސަދު ކްރިމިނަލް ކޯޓަށް ހާޒިރު ވެފައެއް ނުވެ އެވެ.
އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ ހަތް މައްސަލައެއް ކްރިމިނަލް ކޯޓަށް ވައްދާފައި ވަނިކޮށް އެ ކޯޓުގެ ގާޒީ ހަސަން ސައީދު ވަނީ އަލީ ވަހީދު ޕާސްޕޯޓު ހަތަރު މަހަށް ދޫކޮށްލައި ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށް ހުއްދަ ދީފަ އެވެ. އަދި މިގޮތަށް ހުއްދަ ދީފައިވަނީ އަޑުބަރޭ ޖާމިނުވާ ގޮތަށް އެއްބަސްވުމެއް ހަދާފަ އެވެ. އަލީ ވަހީދު ހަތަރު މަހަށް ރާއްޖެން ބޭރަށް ދާން ހުއްދަ ދިން ނަމަވެސް އޭނާ ފުރި ފަހުން މިހާރު ހަ މަހަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.