ރީތީ ބަހުން ލިޔެފައިވާ ރިޔާސީ ބާޔާނެއް ކޮންމެ އަހަރަކު އިއްވި ދާނެ ކަމަށާއި މީގެ ކުރިން އިއްވި ރިޔާސީ ބަޔާނުގައި ހުރި ކަންތައްތައް ހާސިލުވެފައިވޭތޯ ޅ. ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސުވާލުކުރައްވައިފި އެވެ.

މިއަހަރުގެ ރިޔާސީ ބަޔާނަށް އަމާޒުކުރައްވާ އިދިކޮޅު ޕީޕީއެމްގެ ނައިބް ރައީސް ޝިޔާމް ވިދާޅުވީ ގައުމުގެ ދަރަނި މިހާރު 100 ބިލިއަން ރުފިޔާ ކަޑައްތުކޮށްފައިވާ ކަމަށާއި، އޭގެ ތެރެއިން 48 ބިލިއަން ރުފިޔާއަކީ މި ސަރުކާރުގެ ފާއިތުވި ތިން އަހަރުގެ ތެރޭގައި އުފެއްދި ދަރަނި ކަމަށެވެ.

"ރީތި ގޮތަކަށް ލިޔެ ބަޔާނެއް އިއްވިދާނެ. ކޮނޑުހުޅުން ދާވަރަށް ޕާޓީ މެންބަރުންނަށް އަތްވެސް ޖެހިދާނެ. މީގެ ކުރިން އިއްވި ބަޔާންތަކުގައި ކުރައްވަން ވިދާޅުވި ކަންކަން ހާސިލްވީ ކިހާވަރަކަށްތޯ،" ޝިޔާމް ސުވާލު ކުރެއްވި އެވެ.

ރައީސް ސޯލިހަކީ ޑިމޮކްރެސީގެ ހަމަތަކާ ބީރައްޓެހި، އަދި ގައުމުގެ މިނިވަންކަން އަވަށްޓެރި ގައުމަކަށް ވިއްކާލާފައިވާ ބޭފުޅެއް ކަމަށް ބުނެ، އިދިކޮޅު ކޯލިޝަންގެ މެންބަރުން ވަނީ މިއަދުގެ މަޖިލީހުގެ ޖަލްސާ ބޮއިކޮޓު ކޮށްފަ އެވެ.

ސިޔާމް މިހެން ވިދާޅުވިއިރު ރައީސް ސޯލިހު ރިޔާސީ ބަޔާނުގައި ވިދާޅުވި ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނަގާފައިވާ 447 މިލިއަން ޑޮލަރުގެ ދަރަންޏާއި ދައުލަތުގެ ރިޒާވް މެނޭޖްކުރުމަށް ރިޒާވް ބޭންކް އޮފް އިންޑިއާ އިން ނަގާފައިވާ 250 މިލިއަން ޑޮލަރުގެ ސްވޮޕް ފެސިލިޓީގެ ފައިސާ މިހާރު ވަނީ ދައްކާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ ބޭރު ފައިސާގެ ތާށިކަން ހައްލު ކުރުމާއި ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމުގެ ފިޔަވަޅުތައް ސަރުކާރުން މިއަހަރު އަޅަން ފަށާނެކަމަށެވެ. މީގެއިތުރުން ކޮވިޑް-19ގެ ކުރިން އޮތް ހިސާބަށް 2023 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދު އަނބުރާ ގެންދެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ވިދާޅުވި އެވެ.