ހިލޭ ޑިގްރީ ރައްޔިތުންނަށް ދިނުމުގެ ކުރިން ހިލޭ ޑިގްރީގެ ދަށުން ޑިގްރީއެއް ނަންގަވަންވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަމަށް މި ސަރުކާރުގެ ކުރީގެ ސައިންސް އެންޑް ޓެކެނޮލިޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ މިނިސްޓަރު މަލީހު މިހެން ވިދާޅުވީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސް ސޯލިހު ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލްކުރަން ބޭނުންވާ 1،500 އަށްވުރެ ގިނަ ދަރިވަރުންނަށް މިދިޔަ އަހަރުގެ ނިޔަލަށް ސްޓޫޑަންޓް ލޯން ދޫކޮށްފައިވާ ކަމަށް ވިދާޅުވާ ގުޅިގެން އެކަމަށް ރައްދު ދެއްވައި ކުރެއްވި ޓުވީޓެއްގަ އެވެ.

މަލީހު ވިދާޅުވީ ނުކިޔަވާ ގައުމު ނުހިންގޭނެކަން ފާއިތުވި ހަތަރު އަހަރުން ސާބިތުވެއްޖެ ކަމަށެވެ. އަދި މިގައުމު މިއަދު މިހާލަތަށް ގޮސްފައިވަނީ ރައީސް ސޯލިހުގެ ހިންގުންތެރިކަން ނެތުމުން ކަމަށް ވެސް މަލީހު ވިދާޅުވި އެވެ.

މީގެ އިތުރުން މަލީހު ވިދާޅުވީ އެމްޑީޕީގެ ބޮޑު ފެއިލިއާގެ އެންމެ ބޮޑު ސަބަބަކީ އެވެރިންނަށް ލިބުނު މަޖިލިހުގެ ސުޕަ މެޖޯރިޓީ ކަމަށެވެ. ހުރިހާ ބާރެއް ލިބުނީމާ ގައުމު ހިންގުމުގެ ނަމުގައި މުޅި ގައުމު ދޮވެލާފައިވާ ކަމަށް ވެސް މަލީހު ތުހުމަތު ކުރެއްވި އެވެ.

"65 މެމްބަރުން ލިބި ރައްޔިތުންނަށް މިއޮންހާ ދުވަހު ދައްކައިގެން އުޅުނު ބަހަނާ ފަޅާއެރީ. ހުރިހާ ބާރެއް ލިބުނީމަ ގައުމު ހިންގުމުގެ ނަމުގައި މުޅި ގައުމު ދޮވެލައިފި،" މަލީހު ވިދާޅުވި އެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭން ބޭރުން މަތީ ތައުލީމް ހާސިލްކުރަން ބޭނުންވާ 2،100 އަށް ވުރެ ގިނަ ދަރިވަރުންނަށް މިދިޔަ އަހަރުގެ ނިޔަލަށް ސްޓޫޑަންޓް ލޯން ދޫކޮށްފައިވާނެ ކަމަށެވެ.

އޭގެ ތެރެއިންވެސް ސަރުކާރުން އެންމެ ބޮޑަށް އިސްކަންދީފައި ވަނީ މާލީ ތަނަވަސްކަން ނެތް ދަރިވަރުންނަށާއި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކަން ރައީސް ފާޙަގަ ކުރެއްވި އެވެ.

"ރާއްޖޭން ބޭރުން މަތީ ތައުލީމް ހާސިލްކުރަން ބޭނުންވާ 1,500 އަށްވުރެ ގިނަ ދަރިވަރުންނަށް 2021 ވަނަ އަހަރުގެ ނިޔަލަށް ސްޓޫޑަންޓް ލޯން ދޫކުރިން. މިކަމުގައި މާލީ ތަނަވަސްކަން ނެތް މީހުންނާއި، ނުކުޅެދުންތެރިކަން ހުރި މީހުންނަށް ސަރުކާރުން އިސްކަން ދިނިން،" ރައީސް ވިދާޅުވި އެވެ.

މިއަހަރުގެ ރިޔާސީ ބަޔާނަށް ސަރުކާރަށް ތާއިދު ކުރައްވާ ފަރާތްތަކުން ތައުރީފު ކުރަމުން އަންނައިރު އިދިކޮޅު ފަރާތްތަކުން ރިޔާސީ ބަޔާނަށް އަންނަނީ ފާޑުކިޔަމުންނެވެ. އަދި މިއީ ރީތި ބަހުރުވައިން ލިޔެފައިވާ ރިޔާސީ ބަޔާނެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.