ހިންދީ ސިނަމާގައި 90ގެ އަހަރުތަކުގައި ވިދާލި ސުޕާސްޓާ މަދޫބާލާގެ ދައްތަ ކަނީޒް ބަލްސަރާ ގެއިން ނެރެލައިފި އެވެ.

އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި އުމުރުން 96 އަހަރުގެ ކަނީޒް އުޅެމުން ދިޔައީ ނިއުޒިލޭންޑްގެ އޯކްލެންޑުގަ އެވެ. އަދި އޭނާ ނެރެލީ، އޭނާގެ ދަނބިދަރި ސަމީނާ އެވެ. ސަމީނާ ވަނީ އޯކްލެންޑުން ކަނީޒް މުމްބާއިއަށް އެކަނި ފޮނުވާލާފަ އެވެ.

އުމުރުން ދުވަސްވެފައިވާ ކަނީޒް އިންޑިއާއަށް ފޮނުވާލާފައި ވަނީ އޭނާއަށް އެހީތެރިވާނެ މީހަކު ނުލައި، އަތަށް އެއްވެސް ފައިސާއެއް ނުދީ އެވެ. އަދި އެކަން ކަނީޒްގެ އަންހެން ދަރިފުޅު ޕަރްވީޒަށް އެނގުނީ ދެ ބެންގެ ދަރިއެއް ފަރާތުން ކަމަށް އޭނާ ބުނެފައިވެ އެވެ.

އިންޑިއާގެ ނޫސްތަކަށް އިންޓަވިއުދެމުން ޕަރްވީޒް ވަނީ އޭނާގެ މަންމައާ ދޭތެރޭ ސަމީނާ ކަންތައް ކުރާ ގޮތް ހާމަކޮށްފަ އެވެ. އެގޮތުން ކަނީޒް ނިއުޒިލެންޑަށް އޭނާގެ ފިރިމީހާއާއެކު ދިޔައީ ފިރިހެން ދަރިފުޅު ދެކެ ލޯބިވާވަރުން ދަރިފުޅާއެކީގައި އުޅެން ކަމަށާއި، ނަމަވެސް ސަމީނާ އެކަމާ ނުރުހުން ފާޅުކުރާ ކަމަށް ޕަރްވީޒް ބުންޏެވެ.

ޕަރްވީޒް ބުނާގޮތުގައި އޭނާ ދޭތެރެއިން މަންމަ ދެކިލުމަށް ނިއުޒިލެންޑަށް ދެ އެވެ. އެހެންނަމަވެސް ފާއިރުވި އަހަރުތަކުގައި ނުދެވުނީ ކޮވިޑާ ގުޅިގެން ކަމަށް އޭނާ ބުންޏެވެ. އަދި މަންމަ ގެންނަން ބޭނުންވި ނަމަވެސް އިންޑިއާގައި ކޮވިޑުގެ ހާލަތު ގޯސްވެފައިވާ ދަނޑިވަޅެއްގައި މަންމަ ފަދަ ހައި ރިސްކު ޕޭޝަންޓެއް އައުމަކީ އެހާ ބުއްދިވެރި ކަމަކަށް ނުވުމުން މަންމަ އިންޑިއާއަށް ނާދެވުނު ކަމަށް ވެސް ޕަރްވީން ބުންޏެވެ.

މަދޫބާލާގެ ކުޑަ އަންހެން ކޮއްކޮ މަދޫ ބޫޝަން ވެސް މިކަމާ ނުރުހުން ފާޅުކޮށްފައިވެ އެވެ. މަދޫ ބުނީ އޭނާގެ ދައްތައާ ދޭތެރޭ އެގޮތަށް ކަންތައް ކުރާނެ ކަމަށް ދުވަހަކު ވެސް ހީނުކުރާ ކަމަށެވެ.

ކަނީޒްއަކީ އިންޑިއާ ސިނަމާގައި އެންމެ ގާބިލު ފަންނާނެއް ކަމަށްވާ މަދޫބާލާގެ ދައްތަ އެވެ. ހިންދީ ސިނަމާގައި މަދޫބަލާ ސިފަކުރަނީ ދަ ވީނަސް އޮފް އިންޑިއަން ސިނަމާގެ ގޮތުގަ އެވެ. މަދޫބާލާ ދުނިޔެއާ ވަކިވީ ބަލިކޮށް އުޅުމަށްފަހު 1969 ގަ އެވެ.