އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާ، އެމެރިކާގެ 46 ވަނަ ރައީސްކަމަށް ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ޖޯ ބައިޑެން އިންތިޚާބުވެ ވަޑައިގެންވި އެވެ.

މިމަހު 78 އަހަރު ފުރޭ ބައިޑެން، ޖެނުއަރީ މަހުގެ ތެރޭގައި ރައީސް ކަމުގެ ހުވާ ކުރައްވާއިރު އޭނާ ވެގެން ދާނީ އެމެރިކާގެ ވެރިކަން ކުރާ އެންމެ ދޮށީ ބޭފުޅާ އަށެވެ.

ބައިޑެން ރައީސްކަމަށް ހޮވުނީ ފާއިތުވެ ދިޔަ ގަރުނެއްހާ ދުވަހު ވެސް ދުނިޔެ ދެކެފައިނުވާ ވަރުގެ ބޮޑު ބަލިމަޑުކަމެއް މުޅި ދުނިޔެ ތަހައްމަލު ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. އަދި 1930 ވަނަ އަހަރަށް ފަހު އެމެރިކާގެ އިގްތިސާދު ވެސް އެންމެ ބޮޑަށް ދަށްވެފައި ވަނިކޮށެވެ.

ބަރަކް އޮބާމާގެ ވެރިކަމުގައި ނައިބު ރައީސަކަށް ހުންނެވި ބައިޑެން އިންތިޚާބު ކާމިޔާބު ކުރެއްވުމާއެކު، ބަލި ގަބޫލުކުރައްވަން ދަތިފުޅު ޑޮނާލްޑް ޓްރަމްޕްގެ ވެރިކަން ނިމުމަކަށް އައީ އެވެ.

ބައިޑެންއަށް ވައިޓް ހައުސް ކަށަވަރުވެފައި މިވަނީ ޕްނެސިލްވޭނިއާގެ އިލެކްޓޯރަލް ވޯޓު ކާމިޔާބު ކުރައްވައިގެން، 270 އިލެކްޓޯރަލް ވޯޓާއި ހަމައަށް ވާސިލްވެގެންނެވެ. އިންތިހާބު އޮތް ދުވަހުގެ ކުރީރޭ ވެސް އެ ސްޓޭޓުގައި ކުރި ހޯއްދަވާފައި އޮތީ ޓްރަމްޕެވެ. އެހެން ނަމަވެސް މެއިލް-އިން ވޯޓު ކަރުދާސްތައް ގުނަން ފެށުމާއި އެކު ޓްރަމްޕަށް އޮތް ސަޕޯޓު ދަށްވެ ބައިޑެން ވަނީ ލީޑު ނަންގަވާފަ އެވެ.