އިންޑިޔާގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ކޮމެޑިއަން، ސުނިލް ގްރޯވަރުގެ ސިއްހަތާއިމެދު މަޝްހޫރު ކޮމެޑިއަން ކަޕިލް ޝަރްމާ ކަންބޮޑުވެއްޖެ އެވެ.

އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި މިމަހުގެ ތިން ވަނަ ދުވަހު އޭނާ ހޮސްޕިޓަލުން ދޫކޮށްލީ ހިތުގެ ސާޖަރީއެއް ހެދުމަށްފަހު ގިނަ ދުވަސްތަކެއްގައި މެޑިކަލް ސުޕަވައިޝަނަށް ހޮސްޕިޓަލުގައި ބޭއްވުމަށް ފަހުގަ އެވެ.

މިކަމާ ކަޕިލް ކަންބޮޑުވުން ފާޅުކުރާއިރު، އޭނާ ބުނީ ސުނިލްގެ ބަލި ހާލަތު އެނގުމުން އޭނާ ހުރީ ވަރަށް ބޮޑަށް ޝޮކެއްގައި ކަމަށެވެ. އަދި ސުނިލްގެ ހާލަތާ މެދުގައި އޭނާ ކަންބޮޑުވާކަމަށާއި، ސުނިލްއަށް މެސެޖުކޮށް އޭނާގެ ހާލަތު އޮޅުންފިލުވަން މަސައްކަތް ކުރިކަމަށް އޭނާ ބުނެފައިވެ އެވެ.

ސުނިލްއަށް ފަރުވާދީފައި ވަނީ މުބާއީގައި ހުންނަ އޭޝިއަން ހާޓް އިންސްޓިޓިއުޓްގަ އެވެ.

ސުނިލްއަށް ފަރުވާދިން ހޮސްޕިޓަލުން ބުނާގޮތުގައި ސުނިލް އެ ހޮސްޕިޓަލަށް ގެނައީ ޖެނުއަރީ 8 ގައި ހާޓް އެޓޭކެއް ޖެހިގެންނެވެ. އަދި ސާޖަރީ ހެދިއިރު ސުނިލް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި ކަމަށް ވެސް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.

ސުނިލްއަކީ އިންޑިޔާގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޝޯތަކުން ވެސް ފެނުނު ފަންނާނެކެވެ. އަދި ކަޕިލްއާ އެކު، ކޮމެޑީ ނައިޓްސް ވިތް ކަޕިލް އާއި ދަ ކަޕިލް ޝަރްމާ ޝޯއިން އޭނާ ފެނިފައިވެ އެވެ. އޭގެ އިތުރުން އޭނާ ވަނީ ބޮލީވުޑްގެ ބައެއް ފިލްމުތަކުގައި ވެސް މަސައްކަތްކޮށްފަ އެވެ.