ހާލުދެރަވެ އައިސީޔޫގައި ފަރުވާދެމުން ގެންދިޔަ އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރް މަރުވެއްޖެ އެވެ.

މުމްބާއީ ބްރީޗް ކެންޑީ ހޮސްޕިޓަލްގެ އައިސީޔޫގައި ލަތާ އެޑްމިޓްކުރީ، ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ހާލު ދެރަވުމާ ގުޅިގެންނެވެ.

މީގެ ކުރިން ލަތާގެ ހާލަތު އިތުރަށް ގޯސްވަމުންދާ ކަމަށް ސޯޝަލް މީޑިއާގައި ވެސް ހަބަރު ފެތުރިފައިވެ އެވެ. އެހެންނަމަވެސް އޭނާގެ ހާލަތު ރަނގަޅު ކަމަށާއި، މެޑިކަލް އެގްޒެމިނޭޝަންގައި ބޭއްވުމަށްފަހު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ލަތާ ދޫކޮށްލާނެ ކަމަށް އޭނާގެ ޑޮކްޓަރުން ބުނެފައިވެ އެވެ.

ލަތާ މަރުވީ މިއަދު ހެނދުނު، ރާއްޖެ ގަޑިން 8 ޖަހާކަން ހާއިރު އެވެ.

ގިނަ އެވޯޑުތަކެއް ހާސިލްކުރި މި ލަވަކިޔުންތެރިޔާގެ އިއްޒަތުގައި އެންމެ މަތީ ފެންވަރުގެ ޖަނާޒާއެއް ބޭއްވުމަށް އިންޑިއާ ސަރުކާރުން ވަނީ ނިންމާފަ އެވެ.

ލަތާއަކީ މުޅި އިންޑިޔާގައި ވެސް ފާހަގަކޮށްލެވޭ ފެންވަރުގެ މޮޅު ލަވަކިޔުންތެރިއެކެވެ.

އޭނާ ވަނީ ބޮލީވުޑްގައި ލަވަކިޔުމުގެ އިތުރުން މިއުޒިކް ޑައިރެކްޓްކޮށްދީ، ޕްލޭބެކް ސިންގިންގައި ބޮޑު ރޯލެއް އަދާކޮށްދީފަ އެވެ.