ކުރިން އިނގިރޭސި ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ޖިލް، ޖޯ ބައިޑެންއާ ކައިވެނި ބައްލަވައިގަތުމަށް އެއްބަސްވީ ޖޯ އެކަމަށް ފަސް ފަހަރު އެދިވަޑައިގެންފައި ވަނިކޮށެވެ.

ޖިލް ބައިޑެން އަކީ އެމެރިކާގެ ރައީސްކަމަށް އިންތިހާބުވެ ވަޑައިގަތް ޖޯ ބައިޑެންގެ ދެވަނަ އަނބިކަނބަލުންނެވެ. ބައިޑެންގެ ފުރަތަމަ އަނބިކަނބަލުންނާއި އަންހެން ދަރިފުޅު ވަނީ 1972 ވަނަ އަހަރު ހިނގައިދިޔަ ހިތާމަވެރި ކާރު އެކްސިޑެންޓެއްގައި އަވަހާރަވެފަ އެވެ.

އުމުރުން 69 އަހަރުފުޅުގެ ޖިލް ބައިޑެން ވަނީ ޓީޗަރެއްގެ ގޮތުގައި އެތައް އަހަރެއް ވަންދެން މަސައްކަތް ކުރައްވާފަ އެވެ.

ބެޗްލާސް ޑިގްރީއެއްގެ އިތުރުން ދެ މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައިވާ ޖިލް ބައިޑެންގެ ވަނީ 2007 ވަނަ އަހަރު ތައުލީމީ ދާއިރާއިން ޕީއެޗްޑީ ވެސް ހާސިލްކުރައްވާފަ އެވެ.

ވޮޝިންޓަނަށް ދިރިއުޅުން ބަދަލުކުރެއްވުމުގެ ކުރިން ޖިލް ވަނީ ޕަބްލިކް ސްކޫލަކާއި ކޮމިޔުނިޓީ ކޮލެޖެއްގެ އިތުރުން ބޮޑެތި މީހުންނަށް ހާއްސަ ސައިކޭޓްރިކް ހޮސްޕިޓަލެއްގައި ވެސް ކިޔަވައިދެއްވާފަ އެވެ.

މިއަހަރުގެ ޑިމޮކްރެޓިކް ޕާޓީގެ ކޮންވެންޝަންގައި އޭނާ ޚިތާބު ދެއްވާފައިވަނީ ވެސް 1991 ވަނަ އަހަރުން ފެށިގެން 1993 ވަނަ އަހަރު އޭނާ ކިޔަވައިދެއްވި ބްރެންޑިވައިން ހައި ސްކޫލްގެ ކްލާސްރޫމުގައި ހުންނަވައިގެންނެވެ.

ޖޯ ބައިޑެން ނައިބު ރައީސްކަމުގައި ހުންނެވި އިރު ޖިލް ހުންނެވީ ނޮދާން ވާޖީނިއާ ކޮމިއުނިޓީ ކޮލެޖްގައި އިނގިރޭސި ޕްރޮފެސާއެއްގެ ގޮތުގަ އެވެ.