ފައިތިލައާއި ފުންނާބު ރަނގަޅަށް ބެލެހެއްޓުމަކީ ރީތިކަން ދެެމެހެއްޓުމަށްޓަކައި ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެކެވެ. ގިނަ ބަޔަކު މިކަން ކުރަން އެނބުރެނީ ސެލޫންތަކާ ދިމާއަށެވެ. ބޮޑު އަގުގައި ކޮންމެ މަހަކު ވެސް މިފަދަ ޕެޑިކިއޯ ތަކަށް ހަރަދުކުރާ މީހުން އުޅެ އެވެ.
މި ލިޔުމުގައި މި ބަލާލަނީ މި ހަރަދު ނުކޮށް ގޭގައި ވެސް ސެލޫންގެ ތަޖުރިބާ ހޯދޭނެ ފަދަ ޕެޑިކިއޯ ފަރުވާ ތަކަކަށެވެ.
ކޮފީ ފޫޓް ސްކްރަބް
ދެ މޭޒުމަތީ ސަމްސާ ކޮފީ، އެއް މޭޒުމަތީ ސަމްސާ ހަކުރު އަދި އެއް މޭޒުމަތީ ސަމްސާ ކާށިތެޔޮ އެއްކޮށްފައި މި ސްކްރަބް ތައްޔާރު ކޮށްލުމަށްފަހު ދެ ފައިތިލައިގައި އުނގުޅާފައި 15 މިނެޓް ވަންދެން މަސާޖް ކުރުމަށްފަހު ތާފަނާ ފެނުން ދޮވެލާށެވެ.
ހަނީ އެންޑް ބްރައުން ޝުގާ ސްކްރަބް
1/4 ބްރައުން ޝުގާ، ދެ މޭޒުމަތީ ސަމްސާ މާމުއި އަދި އެއް މޭޒުމަތީ ސަމްސާ ކާށިތެޔޮ އެއްކޮށްފައި ސްކްރަބް ތައްޔާރު ކުރާށެވެ. މި ސްކްރަބް ފައިތިލައިގައި އުނގުޅާފައި 25 މިނެޓްވަ ންދެން މަސާޖް ކުރުމަށްފަހު ފަޔަށް ކެތްވާވަރު ހޫނުފެނުން ފައިތިލަ ދޮންނާށެވެ. މި ސްކްރަބް މަހަކު އެއްފަހަރު ބޭނުން ކުރާށެވެ.
އޯޓްމީލް ސްކްރަބް
ދެ މޭޒުމަތީ ސަ،މްސާ އޯޓްސްއާއި ތިން މޭޒުމަތީ ސަމްސާ ފެން އެއްކޮށްފައި ސްކްރަބް ތައްޔާރު ކުރާށެވެ. މި ސްކްރަބް ފައިތިލައިގައި އުނގުޅުމަށްފަހު 10 މިނެޓްވަންދެން މަސާޖްކުރުމަށްފަހު ދޮވެލާށެވެ. މި ސްކްރަބަކީ ފައިގައި މަރުވެފައި އަދި ކަޅުވެފައި ހުންނަ ހަންގަނޑު އެއްކޮށް ސާފުކޮށް ރީތިކޮށްދޭ ސްކްރަބެކެވެ.
ބަނާނާ ޕެކް
މި ޕެކްއަކީ ފައިތިލަ ތާޒާކޮށްލުމަށް ވަރަށް ރަނގަޅު ޕެކް އެކެވެ. ދޮންކެޔޮ ފައިތިލައިގައި އަދި ނިޔަފަތި ކައިރީގައި ރަނގަޅަށް އުނގުޅާފައި 20 މިނެޓް ވަންދެން މަސާޖު ކުރަމުން ގެންދާށެވެ. ދެން ތާފަނާފެނުން ފައިތިލަ ދޮވެލާށެވެ.
އޮލިވް އޮއިލް
އޮލިވް އޮއިލްއަކީ އޭގައި ހަންގަނޑު ތާޒާކޮށް މަދުކޮށް ބެހެއްޓުމަށް ބޭނުންވާ މާއްދާތައް އެކުލެވޭ ތެލެކެވެ. ކަފަކޮޅެއްގައި ތެޔޮހާކާފައި ވަށްބުރަކަށްވާ ގޮތަށް ފައިތިލަ 20 މިނެޓްވަންދެން މަސާޖު ކުރަމުންގެންދާށެވެ. މަސާޖު ކުރުމަށްފަހު އިސްޓާކީނެއް ފަޔަށް އެރުވުމަށްފަހު އެއް ގަޑިއިރު ވަންދެން ބަހައްޓާފައި ތާފަނާ ފެނުން ދޮވެލާށެވެ. މި ގޮތަށް މަހަކު ދެ ފަހަރު މަސާޖު ކުރުމުން ނަތީޖާ ފެނިްނާނެ އެވެ.