ކެއިންބުއިމުގައި ތަފާތު ގިނަ ކުލަތައް ހިމެނުމަކީ ސިއްހަތު ރަނގަޅު ކެއުމަކަށް ޝައުގުވެރިކަން އިތުރު ކުރުވާ ކަމެކެވެ. އެކި ބާވަތްތަކުގެ މޭވާއާއި ތަރުކާރީ ހިމަނައިގެން މިކަން ކުރެވޭއިރު ކެއުމުގައި ހިމެނޭ ކޮންމެ ކުލައަކީ އެއިން ގިނަ ސިއްހީ ފައިދާތަކެއް ވެސް ލިބޭ ކުލަތަކެކެވެ.

ރަތް ކުލަ

ރަތް ކުލައިގެ ބާވަތްތަކަކީ ކެރޮޓެނޮއިޑް ލައިކޮޕީން މުއްސަނދި ތަކެއްޗެވެ. އެއިން ޕްރޮސްޓޭޓް ކެންސަރާއި ފުއްޕާމޭގެ ބަލިތަކާ ދެކޮޅަށް ރައްކާތެރިކަން ހޯދޭނެ އެވެ. މިފަދަ ކެއުން ތަކުގެ ތެރޭގައި ސްޓްރޯބެރީ، ކްރޭންބެރީ، ރާސްޕްބެރީ، ޓޮމާޓޯ، ޗެރީ، އާފަލު، ބީޓްސް، ކަރާ، ރަތް މޭބިސްކަދުރު، ރަތް މިރުސް އަދި ރަތް ފިޔާ ފަދަ ބާވަތްތައް ހިމެނެ އެވެ.

އޮރެންޖު އަދި ރީނދޫ

މި ކުލަތަކުގެ ކެއުންތަކުގައި އެކުލެވޭ ބީޓާ ކްރިޕްޓޮތޭންކްސިންއަކީ ސެލްތަކުގެ ގުޅުން ބަދަހިކޮށް، ހިތުގެ ބައްޔާ ދުރުކޮށްދޭ ކަމަށް ބެލެވޭ އެއްޗެކެވެ. މި މާއްދާ ލިބެނީ ކެރެޓު، ކައްޓަލަ، ރީނދޫ މިރުސް، އޮރެންޖު، ދޮންކެޔޮ، އަލަނާސި، އަނބު، ބަރަބޯ، އެޕްރިކޮޓް، ބަޓާނާ، ޕީޗް، މެލަން އަދި ކޯން ފަދަ ތަކެތިންނެވެ.

ފެހި ކުލަ

ކެންސަރު ބްލޮކް ކުރާ ކެމިކަލް ސަލްފޮރެފޭން، އައިސަޔަނޭޓް އަދި އިންޑޯލްސް ފެހިގަދަ ބާވަތްތަކުގައި ގިނައިން ހިމެނެ އެވެ. މީގެ ތެރޭގައި ސްޕިނެޗް، ކެބެޖް، ބްރަސެލްސް ސްޕްރައުޓް، ކިވީ ފްރުޓް، ކޮލާޑް ގްރީންސް، ގްރީން ޓީ، މިންޓް، ރޯޒްމެރީ، ސޭޖް، ތައިމް ބެސިލް ފަދަ ބާވަތްތައް ހިމެނެ އެވެ.

ނޫ އަދި ދަނބު

މި ބާވަތްތަކުގައި އެންތޮސަޔަނިންސްގެ ނަން ދީފައިވާ ބާރުގަދަ އެންޓިއޮކްސިޑެންޓެއް ހިމެނެ އެވެ. މިއީ މުސްކުޅިވުން ލަސްކޮށްދީ ލޭ ގަނޑުވުން ދުރުކޮށް ހިތުގެ ސިއްހަތަށް މީގެ ފައިދާ ކުރާ މާއްދާ އެކެވެ. ބްލޫބެރީ، ބްލެކްބެރީ، އެލްޑާބެރީ، މޭބިސްކަދުރު، ރެއިޒިން، ބަށި، ޕްލަމް، ފިގް، ޕްރޫންސް، ލެވެންޑާ، ދަނބު ކެބެޖް ފަދަ ތަކެތިން މި މާއްދާ ލިބޭނެ އެވެ.

ހުދު އަދި މުށި

ފިޔާ އާއިލާގައި ހިމެނޭ އަލިސިންއަކީ ޓިއުމަރާ ދެކޮޅަށް މަސައްކަތް ކުރާ މާއްދާ އެކެވެ. ދެން މި ގްރޫޕުގައި ހިމެނޭ ތަކެތީގައި ފެލެވޮނޮއިޑް، ކުއޭސެތިން، ކޭމްޕްފެރޯލް ފަދަ އެންޓިއޮކްސިޑެންޓު އެކުލެވެ އެވެ. ފިޔާ، ކޯލިފްލާވާ، ގާލިކް، ލީކްސް، ޕާސްނިޕްސް، ރެޑިޝް މަޝްރޫމް ފަދަ ތަކެތިން މި ފައިދާތައް ލިބޭނެ އެވެ.