ސްރީލަންކާގައި ގެއްލިގެން ހޯދަމުންދަނިކޮށް މަރުވެފައި އޮތްވައި ފެނުނު ދިވެހި ދަރިވަރު އަފްހާމް ނަސީރުގެ ޕޯސްޓްމޯޓަމް އަދިވެސް ނުހަދާ ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

ނަން ހާމަ ނުކުރުމަށް އެދި "ހުރިހާ" އާ ވާހަކަދެއްކި އަފްހާމްގެ ރައްޓެއްސަކު ބުނީ، އަފްހާމްގެ މަރުގެ މައްސަލަ ލަންކާގެ ޕޮލިހުން ތަހުގީގުކުރަމުންދިޔަ ނަމަވެސް، އަފްހާމްގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ނުހަދައި އަދިވެސް ބާއްވާފައިވާ ކަމަށެވެ.

އަފްހާމް މަރުވެފައި އޮއްވައި ވެއްލަވައްތަ ރެއިލްވޭ ސަރަހައްދުން ފެނިފައި ވަނީ މިމަހުގެ ފަސްވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގަ އެވެ. އަދި އަފްހާމްއާ އެކު އިތުރު މީހެއްގެ ހަށިގަނޑު ވެސް ޕޮލިހުންނަށް ފެނިފައިވެ އެވެ.

"ހުރިހާ" އާ ވާހަކަދެއްކި މީހާ އިތުރަށް ބުނީ، އަފްހާމްގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް އިއްޔެ ހެދުމަށް ނިންމި ވާހަކަ އާއިލާ އާއި އަފްހާމްގެ ރައްޓެހިން ގާތުގައި ފުލުހުން ބުނެފައިވާ ކަމަށެވެ. އަދި އިއްޔެ ވެސް އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ނަހަދައި ބާއްވާފައި އޮތް ކަމަށާއި، ޕޯސްޓްމޯޓަމް ހެދޭނީ، ދިވެހި ފުލުހުން ލަންކާއަށް ދިއުމުން ކަމަށް ފަހުން ލަންކާ ޕޮލިހުން ބުނި ކަމަށް އޭނާ ބުނެފައިވެ އެވެ.

މި މައްސަލަ ދިވެހި ފުލުހުންނާއި ފޮރިން މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާއިރު، މައްސަލަ ހިނގައިދިޔަ ގޮތް އިތުރަށް އޮޅުންފިލުވުމަށާއި، އާއިލާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހި ފުލުހުންގެ ޓީމެއް ވަނީ ލަންކާއަށް ގޮސްފަ އެވެ.